ޚަބަރު

ސަރީރު މޮރޮކޯއަށް، ލަތީފް ރަޝިއާގެ ނޮންރެޒިޑެންޓް ސަފީރުކަމަށް އައްޔަންކުރަން ރުހުންދީފި

އިބްރާހިމް ޒަކީ

އަހުމަދު ސަރީރު މ. ވެސްޓް ސައިޑް، މޮރޮކޯއަށް ކަންޑައަޅުއްވާ ރާއްޖޭގެ ނޮންރެޒިޑެންޓް ސަފީރުކަމަށް، ފެލްޓިނެންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އަބްދުއްލަތީފް، ގ.ކަނޑިތޮޅިއާގެ، ރަޝިއަން ފެޑަރޭޝަންގައި ހުންނަވާ ރާއްޖޭގެ ނޮންރެޒިޑެންޓް ސަފީރުކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

އެ ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވިއެވެ.

އެ މައްސަލަ ކޮމިޓީން ދިރާސާކޮށް، އެ ދެބޭފުޅުންނަށް މަޖިލީހުން ރހުންދޭން ފެންނަކަމަށް ފާސްކޮށް ކޮމިޓީ ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވިއެވެ.

އެ ރިޕޯޓުގައިވާގޮތަށް، އެ ދެބޭފުޅުން އެ ދެ ގައުމުގެ ނޮންރެޒިޑެންޓް ސަފީރުކަމަށް އައްޔަންކުރަން ރުހުންދޭން މަޖިލީހުގެ މިއަދުގެ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.

ސަރީރަކީ މިހާރުވެސް ރާއްޖޭން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. އަދި ލަތީފްއަކީ ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ސަފީރެވެ.