ޚަބަރު

އެއާބަސް އޭ-330 ގައި ކޮޗިން އާއި ޓްރިވަންޑްރަމަށް

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ އެއާކްރާފްޓް، އޭ-330 މަތިންދާބޯޓުގައި އިންޑޮއާގެ ކޮޗިން އާއި ޓްރިވަންޑްރަމަށް ދަތުރުތައް ފަށައިފިއެވެ.

ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓަށް އޭ-330 މަތިންދާބޯޓުގެ ފުރަތަމަ ފްލައިޓު ޖެއްސީ މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރުއެވެ.

މީގެ ކުރިން ކޮޗިން އާއި ޓްރެވިންޑްރަމަށް ދަތުރު ކުރަނީ މޯލްޑިވިއަންގެ އޭޓީއާރް 72 މަރުކާގެ ބޯޓާއި އެއާބަސް އޭ 320 ގައެވެ. އެއާބަސް އޭ 320 މަރާމާތަށް ފަހު ރާއްޖެ ގެނައީ މިދިޔަ ޖުލައި މަހުގެ ހަތް ވަނަ ދުވަހުއެވެ.

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ ގެނައީ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެ ބޯޓަކީ 260 މީހުންގެ ޖާގައިގެ ބޯޓެކެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކުލާހުގެ ސީޓުތައް ހިމެނޭ އެ ބޯޓުގައި ދިހަ ޓަނުގެ ކާގޯ އުފުލޭނެއެވެ. އެ ބޯޓެއް ގެނެސް ފުރަތަމަ ދަތުރުތައް ފެށީ ޗައިނާގެ ތިން މަންޒިލަކަށެވެ.

މޯލްޑިވިއަންއިން އަންނަނީ އެއާބަސް އޭ-330 ގެ އިތުރު ބޯޓެއް ގަތުމަށްވެސް މަސައްކަތްކުރަމުންނެވެ.