ޚަބަރު

އެފްޓީއޭގެ ދަށުން ޗައިނާއިން އެތެރެކުރާ ދުންފަތުގެ ބާވަތްތަކަށް އިނާޔަތް ދީފައެއްނުވާނެ: ސައީދު

އިބްރާހިމް ޒަކީ

މިދިޔަ ޖެނުއަރީ މަހުން ފެށިގެން ތަންފީޒު ކުރަމުން އަންނަ، ޗައިނާއާ އެކު ރާއްޖޭން ހެދި ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ)ގެ ދަށުން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކަަށް ވަކި އިނާޔަތެއް ދީފައި ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ލިއުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލަށް މިނިސްޓަރު ލިޔުމުން ދެއްވި ޖަވާބުގައެވެ.

މެންބަރު މުހައްމަދު އިބްރާހިމް މިނިސްޓަރާ ސުވާލު ކުރެއްވީ، އެފްޓީއޭގެ ދަށުނ،ް ޗައިނާއިން ރާއްޖެ އެެތެރެކުރާ ދުންފަތުގެ ބާވަތްތަކާއި ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހާމަކޮށްފައިވާ އެފްޓީއޭގެ އިމްޕޯޓް ޑިއުޓީ ހިލާފު ކަމަށް ފެންނަތީ ކަމަށެވެ.

އެހެންކަމުން، އެފްޓީއޭގެ ތެރެއިން ދުންފަތުގެ ބާވަތްތަކާއި ސިނގިރޭޓުން ނަގަން ކަނޑައަޅާފައިވާ އިމްޕޯޓް ޑިއުޓީތަކަކީ ކޮބައިތޯ އާއި އެފްޓީއޭގެ ތެރެއިން ކަސްޓަމުން ނަގާ އިމްޕޯޓް ޑިއުޓީ ތަފާތުނަމަ، އެ ތަފާތުތަކާއި ތަފާތުކުރި ސަބަބަކީ ކޮބައިތޯ ވެސް މެންބަރު ސުވާލު ކުރައްވާފައިވެއެވެ.

އެސުވާލުތަކަށް ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވެފައިވަނީ، އެފްޓީއޭގެ ދަށުން ޗައިނާއިން ރާއްޖެ އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން އިނާޔަތް ދިނުން އިސްތިސްނާކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ އެއްބަސްވުމުގެ ދަށުން ސިނގިރޭޓުން ޑިއުޓީ ނަގާނީ އެހެން ގަމުތަކުން އެތެރެކުރާ ސިނގިރޭޓުން ޑިއުޓީ ނަގާ ރޭޓުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެފްޓީއޭގެ ދަށުން ޗައިނާއިން އިމްޕޯޓްކުރާ ދުންފަތުގެ ބާވަތްތަކާއި ސިނގިރޭޓުން ދައުލަތުގެ ބަޖެޓަށް ވަންނާނެ ކަމަށް ލަފާކުރާ އާމްދަނީގެ އަދަދަށް އަންނާނީ ކޮން ހީނަރުކަމެއްތޯ އާއި އެކަން ފޫބައްދަން ކުރެވެމުންދަނީ ކޮން ކަންތައްތަކެއްތޯ ވެސް މެންބަރު ސުވާލު ކުރައްވާފައިވެއެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ އެފްޓީއޭގެ ދަށުން އެތެރެކުރާ ދުންފަތުގެ ބާވަތްތަކާއި ސިނގިރޭޓުން ނަގާ ޑިއުޓީން ދައުލަތަށް ލިބޭ އާމްދަނީ ބުރަވާނީ ދުންފަތުގެ ބާވަތްތަކާއި ސިނގިރޭޓް އިމްޕޯޓް ކުރާ މިންވަރުގެ މައްޗަށް ކަމަށެވެ.

އެފްޓީއޭ ތަންފީޒު ކުރަން ފެށުމުގެ ކުރިން މިނިސްޓަރު ސައީދު ވިދާޅުވެފައިވަނީ ހޯލްސޭލް މުދާ އެތެރެކުރާ ފަރާތްތަކަށް އެކެއް ޖެނުއަރީން ފެށިގެން ޗައިނާ އިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ 95 ޕަސަންޓަށް ޑިއުޓީ ދައްކާކަށް ނުޖެހޭނެ ކަމަށާއި އެހެންކަމުން ޑިއުޓީ ސުން ޕަސަންޓަށް ތިރިވެގެންދާނެ ކަމަށެވެ.

"މި ދެ އެރޭންޖްމަން ޓާއެކު އަޅުގަނޑުމެންގެ ފައިސާ އިން ފައިސާ ދެއްކުމާއި އަދި ޑިއުޓީ ސުން ޕަސަންޓަށް، ޗައިނާއިން އިމްޕޯޓުކުރާ އައިޓަމްސް 91 ޕަސަންޓް ގާތްގަނޑަކަށް ޓެރިފް ލައިން ސުމަކަށް މިދަނީ. އެހެންވީމާ ޗައިނާއިން ގެންނަ މުދަލުގެ އަގު ވަރަށް ބޮޑުތަނުން ހެޔޮވެގެންދާނެ،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.