ގޮންނޭނގޭ މަރުތައް ތަހުގީގު ކުުރުމަށް، ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ކޮމިޝަނާއި، ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް، ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް އެކުލަވާލައްވާފައިވާ ކޮމިޝަންފަދަ ރިޔާސީ ކޮމިޝަންތަކުގެ ބޭނުމެއް މިހާރު ނެތް ކަމަށް މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ، އެ ކޮމިޝަންތައް އުފައްދައި، އެ ކޮމިޝަންތަކަށް ބާރުދިނުމަށް ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ފެށީ، ރާއްޖޭގެ މިނިވަން މުއައްސަސާތައް ފަންކްޝަން ނުކުރާތީ ކަމަށެވެ. އަދި 19 ވަނަ މަޖިލީހުގައި އެމްޑީޕީއަށް ލިބިފައިވާ ބޮޑު އަޣުލަބިއްޔަތު ބޭނުން ކޮށްގެން މިނިވަން މިއަައްސަސާތައް މިނިވަން ކަންމަތީ ފަންކްޝަން ކުރެވޭނެ އިންތިޒާމް ހަމަޖައްސާއިރު، ނަހަމަ ގޮތުގައި މީހުން ހައްޔަރުކުރަން ކޮމިޝަން ތަކަކަށް ބާރު ދިނުމަކީ ގަބޫލުރާ ކަމެއްނޫން ކަމަށްވެސް އަލީ އާޒިމް ވިދާޅުވިއެވެ.
"ނަހަމަ ގޮތުގައި މީހުން ހައްޔަރުކުރަން ކޮންމެހެން ކޮމިޝަން ތަކަކަށް ބާރު ދިނުމަކީ އަޅުގަނޑު ގަބޫލުކުރާ ކަމެއްނޫން. 18 ވަނަ މަޖލީހުގައި އެކަން ކުރަން މަޖުބޫރުވީ މި ބިލު ތަޅުމަށް އަންނަން ޖެހުނީ، މިނިވަން މުއައްސަސާތައް، މިނިވަން ކޮމިޝަންތައް، ފަންކްޝަން ނުކުރާތީ، އާ ބަޔަކަށް މި ބާރުދޭން. ނަމަވެސް ވަރަށް ކައިރިމުސްތަގުބަލެއްގައި މިނވަން މުއައްސަސާތައް ބަދަލުވާންޖެހޭނެ، ނަޒާހަތްތެރި ރަނގަޅު ފަރާތްތައް އެތަންތަނަށް އަންނަންޖެހޭ،" އަލީ އާާޒިމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ނިމިދިޔަ ސަރުކާރުގެ ކަންކަންވެސް ނުބެލިގެން އުޅެނީ މިނިވަން މުއައްސަސާތަކަށް މިނިވަންކަންމަތީ ހަރަކާތްތެރިވާނެ ފުރުސަތު ނުލިބި، ނުވަތަ އެތާ ތިއްބެވި ބޭފުޅުން އެގޮތަށް ކަންތައް ނުކުރައްވައިގެން ކަމަށެވެ. އަދި ކޮމިޝަންތައް މިނިވަންކުރަން ބޭނުންނަމަ އެ ކޮމިޝަންތަކަށް އައްޔަން ކުރަންޖެހޭނީ ސިޔާސީ މީހުން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ރިޔާސީ ކޮމިޝަންގައި ތިއްބަވާ ބޭފުޅުން ވެސް ވަކި ފަރާތަކަށް ޖެހިގެން ކަންކަން ކުރައްވަން އުޅުއްވަނީނަމަ، އެބޭފުޅުން ވަކި ފަރާތެއްގެ ކަންކަންސަލާމަތް ކުރުމަށް ނޫނިއްޔާމު ނުދައްކަން އުޅޭކަމަށް ވަނީނަމަ ހަމަ އެއްތާކު ޖެހޭނީ .އެހެންވީމަ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން އެބަޖެހޭ، މިނިވަން މުއައްސަސާތައް ހަރުދަނާކުރަން، މިނިވަން މުއައްސަސާތައް މިނިވަންކަމާއެކު ދޫކޮށްލަން، ސަރުކާރުން ނުފޫޒު ނުފޯރުވައި ސިޔާސީ ބޭފުޅުން އެ ކޮމިޝަންތަކަށް ނުލަން،" އަލީ އާޒިމް ވިދާޅުވިއެވެ.