ޚަބަރު

ސަލްޓަން ޕާކު ތަރައްގީކުރާނީ ބޯލިން ފަދަ ތަފާތު ކުޅިވަރުތައް ކުޅެވޭނެ ގޮތަށް: ރައީސް

ސަލްޓަން ޕާކު ތަރައްގީކުރާނީ ބޯލިން ފަދަ ތަފާތު ކުޅިވަރުތައް ކުޅެވޭނެ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަރާމާތަށްފަހު މިރޭ އިއްޒުއްދީން ފާލަން އަލުން ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަލްޓަން ޕާކު ތަރައްގީކުރާނީ ދިވެހިންގެ އައިޑެންޓިޓީ ދައްކުވައިދޭ ގޮތަށް، ރާއްޖޭގެ ތާރީހު އެތަނުން މިހާރުގެ ބަނަވެފައިވާ މި ދުނިޔޭގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށެވެ.

"ހަމައެއާ އެކީގައި ކުޑަކުދިންނާއި އާއިލާތަކުން ހިތްގައިމުކަމާ އެކީގައި ވަގުތު ހޭދަކޮށްލެވޭނެ ތަފާތު ފީޗާތައް އިތުރުކުރެވިގެންދާނެ. އޭގެ އިތުރަށް ވެސް ބޯލިން އެލީ ފަދަ މާލޭގައި މިވަގުތު ނެތް ކުޅިވަރުތަކާއި ތަންތަން ވެސް އިތުރުކުރެވިގެންދާނެ. އަދި އިތުރު ފީޗާސްތައް ވެސް ހިމެނޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށްއޮތް ހައެއްކަ މަސްދުވަސް ތެރޭގައި ސަލްޓަން ޕާކު ތަރައްގީވެގެންދާ އިރު، މުޅި އެ ސަރަހައްދަކީ މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލުމުގައި ބޭނުން ހިފޭނެ، އެންމެ ގިނަ ކަންކަން ހިމެނޭ އެންމެ ބޮޑު ސަރަހައްދަށް ވާނެ ކަމަށެވެ. އަދި މިދިޔަ ދެތިން އަހަރު ދުވަހު ސަލްޓަން ޕާކުގެ ހާލަތު ގޯސްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިދިޔަ ދެ ތިން އަހަރު ދުވަހު ހާއްސަކޮށް، އެއްވެސް ވަރަކަށް އަޅުގަނޑު މޭޔަރަކަށް ހުރި އިރުވެސް ކަންތައްތައް ކުރަން ބޭނުންވި ވަރަށް ނުކުރެވި. އަދި އޭގެ ފަހުން މިދިޔަ ދޮޅު އަހަރެއްހާ ދުވަސްތެރޭގައި ހަމަ އެއްގޮތަކަށް ވެސް ނުބެލެހެއްޓި ދިޔަ ތަނެއް. ސަރުކާރުން މިހާރު އެތަނާ ވެސް އިރާދަކުރެއްވީތީ ހަވާލުވެފައި، އެތަން ތަރައްގީކުރުމަށް. އިރާދަކުރެއްވީތީ މި އިއްޒުއްދީން ފާލަމުގައި މި ދައްކުވައިދޭ ރަމްޒު ނޫނިއްޔާ މި ދޭހަކޮށްދޭ މެސެޖު، ސަލްޓަން ޕާކު އަލުން ތަރައްގީވެގެން އަންނަ އިރުގައި ފެނިގެންދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

މިމަހުގެ 14 ވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، ރަސްފަންނާއި ސަލްޓަން ޕާކުގެ ހާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށާއި އެ ތަންތަނުގެ ރީތިކަން އަނބުރާ ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.

ރައީސް އެގޮތަށް ވިދާޅުވުމުން މާލޭ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސަލްޓަން ޕާކަކީ އެތަން ހުޅުވިފަހުން އެއްވެސް މަރަމާތުކޮށްފައިވާ ތަނެއް ނޫން ކަމަށެވެ. އެ ޕާކުގައި ހުރި އިމާރަތްތަކާއި ވަސީލަތްތައް މިހާރު ވަނީ ބޭނުންނުކުރެވޭ ހާލަތަށް ގޮސްފައި ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ސިޓީ ކައުންސިލުން ހަމަ އެ ދުވަހު ވަނީ، ސަލްޓަން ޕާކު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައެވެ.

އެ އިއުލާނާއެކު ސިޓީ ކައުންސިލުން ބުނެފައިވަނީ އެތަން މަރާމާތުކުރަން ފެށުމަށްފަހު ހުޅުވާނީ، އެތަނުގައި މިހާރު ކުޑަކުދިން ބޭނުންކުރަމުންދާ ކުޅޭ ސަރަހައްދަކީ އެކުދިންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ކަށަވަރު ކުރުމަށްފަހުގައި ކަމަށެވެ. އަދި ސަލްޓަން ޕާކު އަލުން އާރާސްތުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ކަމަށްވެސް އެ ކައުންސިލުން ބުނެފައިވެއެވެ.