ޚަބަރު

ރަސްމީ ފާލަން ހެދީ ކުރީގެ ރައީސް އަމީންގެ ވެރިކަމުގައި ހުރި ޑިޒައިނަށް

މާލޭގެ ރަސްމީ ފާލަން، ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި ހުރި ޑިޒައިނަށް އަލުން ހަދައި، ހުޅުވަން ތައްޔާރުވެއްޖެއެވެ.

‎ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން އިއްޒުއްދީން ފާލަން ތަރައްގީކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2015 ވަނަ އަހަރު އެމްޓީސީސީންނެވެ.

‎އެއަށްފަހު ނުވަ އަހަރު ފަހުން "އިއްޒުއްދީން ފާލަން" މަރާމާތަށް ބަންދުކުރީ 2024ގެ މެއިމަހުގެ ފަސްވަނަ ދުވަހުއެވެ. އެ މަޝްރޫއު އެމްޓީސީއާއާ ހަވާލުކުރީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީންނެވެ.

‎އެ މަޝްރޫއުގެ ދަށުން ކުރީގެ ޖެޓީ ރޫޅާލުމާއި، އާ ޖެޓީގެ ކޮންކްރީޓް މަސައްކަތާއި، ސްޓީލް ސްޓަރަކްޗާ ފަރުމާކުރުމާއި، ލަކުޑި އަދި މަތިވަޑާމުގެ މަސައްކަތް ހިމެނެއެވެ. އެ މަޝްރޫއަކީ 11.7 މިލިއަން ރުފިޔާއަށް 270 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީއާއާ ހަވަލުކުރި މަޝްރޫއުއެކެވެ.

އިއްޒުއްދީން ފާލަން ފަރުމާކޮށްފައިވަނީ އިހުޒަމާނުގައި ދަތުރުފަތުރުކުރުމަށް ބޭނުންކުރަމުންދިޔަ އޮޑިދޯނިފަހަރާއި ބައްތެލީގެ ރިޔާތައް ރަމްޒެއް ކަމަށް ބަލައިގެންނެވެ.

އިއްޒުއްދީން ފާލަމުގެ މަސައްކަ މިހާރު ނިމިފައިވާ އިރު، އެމްޓީސީސީން އެތަން މަރާމާތުކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި ހުރި ޑިޒައިނަށެވެ.

މީގެ ކުރިން އެމްޓީސީސީން ބުނެފައިވަނީ ރަސްމީ ފާލަމަކީ ދިވެހީންގެ ގައުމިއްޔަތާއި ސަގާފަތް ރަމްޒުކޮށްދޭ، ގިނަ ދުވަހު ބޭނުންކުރެވޭ ފަދަ ފެންވަރު ރަނގަޅު ފާލަމެއްގެ ގޮތުގައި އަލުން އެތަން ތަރައްގީކުރާނެ ކަމަށެވެ.

‎ރަސްމީ ދަތުރުފުޅުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރު ގައުމުތަކުގެ އިސްވެރިންނާއި އިއްޒަތްތެރިން މާލެއަށް ފައިބައިވަޑައިގަތުމަށް ބޭނުންކުރައްވާ އިއްޒުއްދީން ފާލަމަކީ ދިވެހި ޖުމްހޫރިއްޔާގެ އިއްޒަތާއި ސިޔާދަތާއި ދިވެހިންގެ އަމިއްލަވަންތަކަން ރަމުޒުކޮށްދޭ މުހިންމު ބިނާއެކެވެ.