ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު، ގެދޮރުވެރިޔާ ސްކީމުން ފުލެޓު ލިބޭ މީހުންގެ ތެރެއިން ރިވައުކުރުމަށްފަހު ލިސްޓު މިއަދު އިއުލާންކުރި އިރު، އެ ލިސްޓުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދުގެ ނަން ހިމެނިފައިވުމުން، ގިނަ ބަޔަކު ސުވާލު އުފައްދަމުންދަނިކޮށް، ފުލެޓު ދޫކޮށްލެއްވުމަށް މިނިސްޓަރު ހައިދަރު ނިންމަވައިފިއެވެ.
ކުރިން ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ހައިދަރުގެ ނަން ފުލެޓު ލިސްޓުގައި ހިމެނުމުން، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ހައިދަރުގެ ޝަރުތު ހަމަވުމާ މެދު ސުވާލު އުފައްދައިފައެވެ. މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން ހައިދަރު ދިރިއުޅުއްވަމުން ގެންދެވީ އިނގިރޭސިވިލާތުގައިކަން ބައެއް ފަރާތްތަކުން ފާހަގަކުރަމުންދިޔައެވެ.
މިނިސްޓަރު ހައިދަރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފުލެޓު ލިސްޓުގައި ކޯ އެޕްލިކަންޓަކަށް ހުންނަވައި، ހައިދަރުގެ އަނބިކަނބަލުން މަރިޔަމް ތައުފީގާއަށް ތިން ކޮޓަރީގެ ފުލެޓެއް ލިބޭ ކަމަށް ކަނޑައަޅާފައިވާ ކަމަށާއި ނަމަވެސް މިހާރު ހުންނެވި ހައިސިއްޔަތުގެ ގޮތުން، އަނބިކަނބަލުންގެ ނަމުގައި ލިބިވަޑައިގެންފައިވާ ފުލެޓު ލިބިގަތުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެން ދެމަފިރިންނަށްވުރެ މި ސްކީމުން ފުލެޓެއް ހައްގުވާ އެތައް އާއިލާއެއް ތިބޭނެއެވެ. ވީމާ، މި ސްކީމުން އަޅުގަނޑުމެންނަށް ލިބޭ ފުލެޓު ދޫކޮށްލަން ގަސްދުކުރާ ވާހަކަ ނުހަނު ޠާއަތާއި އިހުތިރާމާއެކު ދެންނެވީމެވެ..،" ހައިދަރުގެ ބަޔާނުގައި ވިދާޅުވިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ ކުރީ ސަރުކާރުން ފުލެޓު ލިބޭނެ ކަމަށް ކަނޑައެޅި ލިސްޓުގައި ތިބި 4،939 މީހުންގެ އެޕްލިކޭޝަންތައް މި ސަރުކާރުން ވެރިފައި ކުރި އިރު، ފުލެޓު ލިބޭނެ ކަމަށް ޝަރުތު ހަމަވީ 1،820 މީހުން ކަމަށެވެ. އެއީ، ތިން ކޮޓަރި ލިބޭ 1،423 މީހުންނާއި ދެ ކޮޓަރި ލިބޭ 397 މީހެކެވެ.
މިނިސްޓަރު ވިދާޅުވީ، 2،695 އެޕްލިކޭޝަން ޝަރުތު ހަމަނުވާ ކަމަށް ނިންމާފައިވާ އިރު، 424 އެޕްލިކޭޝަނެއް ޕޮއިންޓަށް އައި ބަދަލުތަކާއެކު ލިސްޓުން އުނިކުރެވިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ގިނަ ފަރާތްތައް ޝަރުތު ހަމަނުވީ ހުށަހަޅަން ޖެހޭ ޑޮކިއުމެންޓް ނޫން އެހެން ޑޮކިއުމަންޓް ހުށަހަޅައިގެން ކަމަށެވެ. އެގޮތުން ރަށުގައި ދިރިނޫޅޭ ކަމަށް ބަޔާންކޮށް ކައުންސިލްތަކުން ދީފައިވާ ގިނަ އަދަދެއްގެ ލިޔުންތައް ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ ކަމަށް ވިދާޅުވިއެވެ.
ފުލެޓު ނުލިބުނު ފަރާތްތަކުން ޝަކުވާ ހުށަހެޅުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ފުލެޓު ލިބޭނެ ކަމަށް ކުރީ ސަރުކާރުން އިއުލާނުކޮށްފައިވާ ލިސްޓުގައި ހިމެނިފައިވާ އެއްވެސް ފަރާތަކަށް ދިނުމަށް ކަނޑައަޅާފައިވާ ފުލެޓެއް، އެހެން ފަރާތަކަށް ދިނުމަށް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ.
ކުރީ ސަރުކާރުން ފުލެޓު ލިބޭނެ ކަމަށް ކަނޑައެޅި ލިސްޓުގައި ތިބި 4،939 މީހުންގެ އެޕްލިކޭޝަންތައް ވެރިފައިކުރުމަށްފަހު، އޭގެ ތެރެއިން ޝަރުތު ހަމަވި މީހުންނާއި ޝަރުތު ހަމަނުވާ މީހުން އެނގޭނެގޮތަށް މިއަދު މެންދުރުފަހުގެ ވަގުތެއްގައި ވަނީ ލިސްޓު އާންމުކޮށްފައެވެ.
ދެ ރޫމް އެޕާރްޓްމެންޓްގެ ލިސްޓް: https://storage.googleapis.com/gazette.gov.mv/docs/iulaan/217252.pdf
ތިން ރޫޕް އެޕާޓްމެންޓްގެ ލިސްޓް: https://storage.googleapis.com/gazette.gov.mv/docs/iulaan/217254.pdf
މާލެ ސަރަހައްދުން ފުލެޓު ދޫކުރުމަށް 26 ޖޫން 2022 ގައި ފަށާފައިވާ "ގެދޮރުވެރިޔާ" ސްކީމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެއްޓެވި މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ދަށުން ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓެއް އެ މަނިކުފާނުގެ ވެރިކަމުގައި 15 ނޮވެމްބަރު 2023 ގައި ނެރުނު ނަމަވެސް، ލިސްޓު އެކުލަވައިލުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ތުހުމަތުކޮށް، އާންމު ފަރާތްތަކަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހެޅުމާ ގުޅިގެން، އެ މަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމުނު އިރުވެސް އެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފުލެޓު ހަވާލެއް ނުކުރެވުނެވެ.
އެއަށްފަހު މިހާރު އޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައިވެސް އެ މައްސަލަ ބަލަން ފެށިއެވެ. އަދި ފުލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓެއް ނެރެ އެއަށް ޝަކުވާ ހުށަހުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެއިރު ހައުސިން މިނިސްޓަރަކަށް ހުންނެވި ހައިދަރު ވިދާޅުވެފައިވެއެވެ.
އޭރު ހައިދަރު ވިދާޅުވީ، މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ފުރަތަމަ ހަފުތާގައި ލިސްޓު އާއްމުކުރައްވާނެ ކަމަށެވެ. ނަމަވެސް ހަފުތާ ނިމުނުއިރުވެސް އެ ލިސްޓު އާންމުކޮށްފައެއް ނުވެއެވެ. އެ ފަހުން ނޮވެމްބަރު 16 ގައި ހައުސިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނީ، އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، އެ ކޮމިޝަނުން އެ މިނިސްޓަރީއަށް އަންގާފައިވާ ކަންކަން ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން އެކުލަވައިލި ހައުސިން އެޑްވައިޒަރީ ކޮމިޓީ އާއި ހައުސިލް ކޮންސަލްޓޭޓިވް ކޮމިޓީގެ ލަފާގެމަތިން، އެ ސްކީމުގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަން ފޯމުތަކެއް މުރާޖައާ ކުރުމުގެ އެންމެހައި މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފުލެޓު ލިބުނު މީހުންގެ ލިސްޓު ނެރުމަށް އިތުރު ވަގުތު ބޭނުންވާތީ ލިސްޓު ނެރުން މުއްދަތެއް ނެތް ގޮތަށް އިރު އޮތީ ފަސްކޮށްފައެވެ. ރޯދައިގެ ކުރިން ފްލެޓު ލިސްޓު އާންމުކުރާނެ ކަމަށް ރައީސް އިއުލާނުކުރެއްވީ މި އަހަރުގެ ކުރީކޮޅު ރައީސް ގއ، އަދި ގދ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ދެއްވަދޫގައި މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ.