ދިރާގުގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމުގައިވާ ދިރާގު ފިންޓެކްގެ އީ ވޮލެޓް "ދިރާގުޕޭ"ގެ އާ ޕްލެޓްފޯމު މުޅިން އާ ފީޗާތަކަކާއެކު ލޯންޗުކޮށްފިއެވެ.
އެ ޕްލެޓްފޯމް ލޯންޗުކުރުމަށް ބޭއްވި ހާއްސަ ހަފުލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ.
އެ ހަފުލާގައި ވާހަކަދައްކަވަމުން ގަވަރުނަރު ވަނީ، ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ބޭންކުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން އެންމެ އެކަށީގެންވާ ފަރާތަކީ ދިރާގު ކަމަށް ފާހަގަކުރައްވައިފައެވެ. އަދި، ދެ ފަރާތް އެއްކޮށް މަސައްކަތްކޮށްގެން، ޓެކްނޮލޮޖީ އާއި އިނޮވޭޝަންގެ ޒަރިއްޔާއިން ރާއްޖެ އަންނަ އިންވެސްޓްމަންޓުތައް އިތުރުކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.
އެ ހަފުލާގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ، މެނޭޖިން ޑިރެކްޓަރު އަދި ދިރާގު ފިންޓެކްގެ ޗެއާމަން އިސްމާއިލް ރަޝީދު ވިދާޅުވިގޮތުގައި، ކުރިން ހަމައެކަނި އީ-ވޮލެޓެއްގެ ގޮތުގައި ބޭނުންކުރެވޭ ދިރާގުޕޭގެ ޕްލެޓްފޯމް މިހާރު ވަނީ ސޮފިސްޓިކޭޓެޑް ޕޭމަންޓް ސިސްޓަމަކަށް އަޕްގްރޭޑްކޮށްފައެވެ. އަދި، ދިރާގުގެ ނެޓްވޯކަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ނެޓްވޯކް ކަމަށް ފަހުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.
އެއާއެކު ދިރާގުގެ ދެން އޮތް އަމާޒަކީ، ކަސްޓަމަރުންނާއި ވިޔަފާރިތަކާއި މުޖުތަމައުއަށް، އިތުރު ޑިޖިޓަލް ހިދުމަތްތައް ތައާރަފުކޮށް، އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ތަނަވަސްކޮށްދީ، ގައުމު އިތުރަށް ކުރި އެރުވުން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، ދިރާގުޕޭ އަށް މި ގެނައި ބަދަލުތަކަކީ ދިރާގުން ބޭނުންވާ މިސްރާބަށް ދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ކުންފުނީގެ ސީއީއޯ ސިފަކުރެއްވިއެވެ.
ދިރާގުޕޭ އަށް ގެނެސްފައިވާ ބަދަލުތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ދިރާގު ފިންޓެކްގެ މެނޭޖިން ޑިރެކްޓަރު، ފަޒްލީނާ ފާކިރު ވަނީ، ދިރާގުޕޭ އަށް މި ގެނައި އަޕްގްރޭޑަކީ ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރަމުންދާ ގޮތަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެކަމެއްގެ ގޮތުގައި ފާހަގަކުރައްވައިފައެވެ. އަދި، ދިރާގުޕޭ އަކީ ކަސްޓަމަރުންނަށް ރައްކާތެރިކަމާއި ފަސޭހަކަމާއެކު ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ވެސް ބޭނުންކުރެވޭނެ ޕްލެޓްފޯމެއް ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން، ދިރާގުޕޭގެ ތަސައްވުރަކީ ފިންޓެކް ސޮލިއުޝަންތައް އެއްވެސް ބަޔަކު ބާކީ ނުކޮށް، ހުރިހާ ފަރާތްތަކަށް ވެސް ފޯރުކޮށްދިނުން ކަމަށް ވިދާޅުވިއެވެ.
ދިރާގުން ބުނީ އަޕްގްރޭޑްކޮށްފައިވާ ދިރާގުޕޭގެ އާ ޕްލެޓްފޯމުން މިހާރު ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއާ-ޓު-ޕިއާ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ، ބިލަށް ފައިސާ ދެއްކުން ހިމެނޭ ކަމަށެވެ. އަދި ކުރީގެ ޕްލެޓްފޯމް ބޭނުންކުރަމުން ދިޔަ ފަރާތްތަކުގެ އެކައުންޓުގައި ބާކީ ހުރި ފައިސާ، ރައްކާތެރިކަމާއެކު އާ ޕްލެޓްފޯމަށް މައިގްރޭޓް ކުރެވިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު ފިންޓެކް އަކީ، ރާއްޖޭގެ މާލީ ނިޒާމުގައި ހިމެނޭ ގޮންޖެހުންތަކަށް ޓެކްނޮލޮޖީގެ ޒަރިއްޔާއިން ހައްލުތައް ހޯދައިދިނުމަށް އަމާޒުކޮށްގެން 2023 ވަނަ އަހަރު އުފައްދާފައިވާ، ސައްތައިން ސައްތަ ދިރާގު ހިއްސާވާ ސަބްސިޑިއަރީ ކުންފުންޏެކެވެ. އެމްއެމްއޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް، ފަވަރައިގެ ހިދުމަތް ތައާރަފުކުރުމާއެކު، ދިރާގު ފިންޓެކް ވެގެން ގޮސްފައިވަނީ ބޭންކު ނޫން ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުގެ ތެރެއިން ފަވަރަ އާއި ގުޅުނު ފުރަތަމަ ފަރާތަށެވެ.
ރާއްޖޭގެ ޑިޖިޓަލް އިގުތިސާދު ބިނާކުރުމަށް ކުރާ މަސައްކަތްތަކުގެ އެންމެ ކުރީ ސަފުގައި ދިރާގުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.