"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ޝަތުރު ހަމަވި މީހުންގެ ލިސްޓު އާއްމުކުރާނީ މިއަދު 3:00 ޖަހާއިރު ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ ކުރީ ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ލިސްޓުގައި ތިބި 4،939 މީހުންގެ އެޕްލިކޭޝަންތައް މި ސަރުކާރުން ވެރިފައި ކުރިއިރު، ފްލެޓް ލިބޭނެ ކަމަށް ޝަރުތު ހަމަވީ 1،820 މީހުން ކަމަށެވެ. އެއީ، ތިން ކޮޓަރި ލިބޭ 1،423 މީހުންނާއި ދެ ކޮޓަރި ލިބޭ 397 މީހެކެވެ.
މިނިސްޓަރު ވިދާޅުވީ، 2،695 އެޕްލިކޭޝަން ޝަރުތު ހަމަނުވާކަމަށް ނިންމާފައިވާ އިރު، 424 އެޕްލިކޭޝަނެއް ޕޮއިންޓަށް އައި ބަދަލުތަކާއެކު ލިސްޓުން އުނިކުރެވިފައިވާ ކަމަށެވެ.
"އެ ބަދަލުތަކާ އެކު މިއަދު 3:00 ގައި އަޅުގަނޑުމެން ފްލެޓް ލިސްޓު އާއްމުކުރާނަން" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ގިނަ ފަރާތްތައް ޝަރުތު ހަމަނުވީ ހުށަހަޅަން ޖެހޭ ޑޮކިއުމެންޓް ނޫން އެހެން ޑޮކިއުމަންޓް ހުށަހަޅައިގެން ކަމަށެވެ. އެގޮތުން ރަށުގައި ދިރިނޫޅޭ ކަމަށް ބަޔާންކޮށް ކައުންސިލްތަކުން ދީފައިވާ ގިނަ އަދަދެއްގެ ލިޔުންތައް ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ފްލެޓް ނުލިބުނު ފަރާތްތަކުން ޝަކުވާ ހުށަހެޅުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ފްލެޓް ލިބޭނެ ކަމަށް ކުރީ ސަރުކާރުން އިއުލާނުކޮށްފައިވާ ލިސްޓުގައި ހިމެނިފައިވާ އެއްވެސް ފަރާތަކަށް ދިނުމަށް ކަނޑައަޅާފައިވާ ފްލެޓެއް އެއްވެސް އެހެން ފަރާތަކަށް ދިނުމަށް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ.
މާލެ ސަރަހައްދުން ފްލެޓް ދޫކުރުމަށް 26 ޖޫން 2022 ގައި ފަށާފައިވާ "ގެދޮރު ވެރިޔާ" ސްކީމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެއްޓެވި މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް އެ މަނިކުފާނުގެ ވެރިކަމުގައި 15 ނޮވެމްބަރު 2023 ގައި ނެރުނު ނަމަވެސް، ލިސްޓް އެކުލަވައިލުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ތުހުމަތުކޮށް، އާއްމު ފަރާތްތަކަކުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހެޅުމާ ގުޅިގެން، އެ މަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމުނު އިރުވެސް އެ ލިސްޓްގައި ހިމެނޭ ފަރާތްތަކަށް ފްލެޓް ހަވާލެއް ނުކުރެވުނެވެ.
އެއަށްފަހު މިހާރު އޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައިވެސް އެ މައްސަލަ ބަލަން ފެށިއެވެ. އަދި ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓެ ނެރެ އެއަށް ޝަކުވާ ހުށަހުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެއިރު ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. އަލީ ހައިދަރު ވިދާޅުވެފައިވެއެވެ.
އެއިރު ހައިދަރު ވިދާޅުވީ، މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި ލިސްޓު އާއްމުކުރައްވާނެ ކަމަށެވެ. ނަމަވެސް ހަފްތާ ނިމުނުއިރުވެސް އެ ލިސްޓު އާއްމުކޮށްފައެއް ނުވެއެވެ. އެ ފަހުން ނޮވެމްބަރު 16 ގައި ހައުސިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނީ، އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، އެ ކޮމިޝަނުން އެ މިނިސްޓަރީއަށް އަންގާފައިވާ ކަންކަން ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން އެކުލަވައިލި ހައުސިން އެޑްވައިޒަރީ ކޮމިޓީ އާއި ހައުސިލް ކޮންސަލްޓޭޓިވް ކޮމިޓީގެ ލަފާގެމަތިން، އެ ސްކީމުގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަން ފޯމުތަކެއް މުރާޖައާ ކުރުމުގެ އެންމެހައި މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފުލެޓް ލިބުނު މީހުންގެ ލިސްޓު ނެރުމަށް އިތުރު ވަގުތު ބޭނުންވާތީ ލިސްޓު ނެރުން މުއްދަތެއް ނެތް ގޮތަށް އިރު އޮތީ ފަސްކޮށްފައެވެ. ރޯދައިގެ ކުރިން ފްލެޓް ލިސްޓު އާއްމުކުރާނެ ކަމަށް ރައީސް އިއުލާނުކުރެއްވީ މި އަހަރުގެ ކުރީކޮޅު ރައީސް ގއ، އަދި ގދ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ދެއްވަދޫގައި މީޑިއާތަކަށް ދެއްވި އިންޓަވިޔުއެއްގައެވެ.