މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހުޅުމާލޭގައި ހެދި ފެސިލިޓީއާ އެނިމަލް ވެލްފެއާ މިނިސްޓްރީން ހަވާލުވެއްޖެއެވެ.
މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ސިޓީ ކައުންސިލުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހެދި ފެސިލިޓީ، "އޮޅުހިޔާ" ހުޅުވީ 2 ނޮވެމްބަރު 2024ގައެވެ. އެތަނަށް ބުޅާތައް ގެންދަން ސިޓީ ކައުންސިލުން ނިންމާފައި ވަނިކޮށް، ބުޅާ ފެސިލިޓީގެ ހިދުމަތްތައް ފުރިހަމަ ނުވާ ކަމަށް ބުނެ އެތަން މިނިސްޓްރީއާ ހަވާލުކުރަން ސިޓީ ކައުންސިލަށް އެންގިއެވެ.
ނަމަވެސް ސިޓީ ކައުންސިލުން ބުނީ، އެތަން މިނިސްޓްރީއާ ހަވާލުކުރާނީ އެތަނަށް ކައުންސިލުން ކުރި ހަރަދު ދިނުމުން ކަމަށެވެ. އެ މައްސަލަ ގަނޑުގައި ބުޅާ ފެސިލިޓީއަށް އަދިވެސް ބުޅާތައް ގެންދަން ފަށާފައެއް ނުވެއެވެ.
އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ބުޅާ ފެސިލިޓީގެ ހުރިހާ ލިޔެކިޔުންތަކާއި ލީގަލް އެސެޓްސް ޓްރާންސްފާގެ މަސައްކަތް ނިންމުމަށްފަހު މާލެ ސިޓީ ކައުންސިލުން އެ ފެސިލިޓީ މިނިސްޓްރީއާ ރަސްމީކޮށް މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.