ޚަބަރު

އެއް ދުވަހުން ރީޑިން ނަގައި ނިންމަން ސްޓެލްކޯގެ 350 މުވައްޒަފުން މާދަމާ ނުކުންނަނީ

ކަރަންޓު ބިލުގެ ރީޑިން ނެގުމުގެ މަސައްކަތް އެއް ދުވަސް ތެރޭގައި ނިިންމުމަށްޓަކައި މާލެ ސަރަހައްދުގައި ސްޓެލްކޯގެ 350 މުވައްޒަފުން މާދަމާ ނުކުންނާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ސަލީމް ވިދާޅުވީ މާދަމާ ރީޑިންގް ނެގުމަށްފަހު ދެން ރީޑިންގް ނަގާނީ ރޯދަ މަސް ނިމުމުން ކަމަށެވެ.

"މާދަމާ 72،000 އަށްވުރެ ގިނަ ގޭބިސީގައި ރީޑިން ނެގުމަށް 350 މުވައްޒަފުން ހަރަކާތްތެރިވާނެ،" ސަލީމް ވިދާޅުވިއެވެ.

ރޯދަ މަހު ކަރަންޓާއި ފެން ބިލުން ހާއްސަ ޑިސްކައުންޓެއް ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.

ސަލީމް ވިދާޅުވީ މި މަހުގެ ބިލު ދީފައިވާނީ 20 ވަނަ ދުވަހު ކަމަށާއި ނަމަވެސް މި މަހު އަދި އެހެން ބިލެއް ކަސްޓަމަރުންނަށް ދާނެ ކަމަށެވެ. އެއީ 20 ވަނަ ދުވަހުން 27 ވަނަ ދުވަހަށް ހަދާ ބިލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބިލު އެގޮތަށް ހަދަނީ ރޯދަ މަހަށް ހާއްސަކޮށް ވަކި ބިލެއް ހެދުމަށް ކަމަށާއި ނަމަވެސް މި މަހުގައި ދެން ދޭ ބިލަށް ފައިސާ ދައްކަން ޖެހޭ މުއްދަތު އެހެން ބިލުތަކަށްވުރެ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި މަހު ދާނެ އެހެން ބިލެއް. ފަހަރެއްގައި ރައްޔިތުން ބުނެފާނެ ދެ ބިލު ދަނީއޭ. ފަހުން އަޅުގަނޑުމެން މިދޭ ބިލަށް ފައިސާ ދައްކަން އަޅުގަނޑުމެން އިތުރު މުއްދަތު ދޭނަން. ދެން އަންނަ މަހެއްގެ މުސާރަ ލިބުމުން އެ ބިލަށް ބާޑަން އަކަށް ނުވާ ގޮތަށް ފައިސާ ދެއްކޭނެ،" ސަލީމް ވިދާޅުވިއެވެ.

ސަލީމް އިތުރަށް ވިދާޅުވީ، ރޯދަ މަހުގެ ބިލުން ޑިސްކައުންޓު ދޭނީ މީގެ ކުރީގެ ނުވަ މަހުގެ އެވްރެޖު ބިލާއި ރޯދަ މަހުގެ ބިލުގެ ފަރަގު ކަމަށެވެ. އަދި ކޮންމެ ބިލަކުން ދިހަ ޕަސަންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.