ޚަބަރު

ރޯދަ މަހު ބަސް ދަތުރުތައް އޮންނާނީ ހެނދުނު 7 އިން ރޭގަނޑު 12 އަށް

ފާތިމަތު ލިޔުޝާ

ކުރިއަށްއޮތް ރަމަޟާން މަހު އެމްޓީސީސީ އާރުޓީއެލްގެ ބަހުގެ ހިދުމަތް ފަށާނީ ހެނދުނު 7:00 ގައި ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ، ރޯދަ މަހުގެ ތެރޭ އެ ކުންފުނިން ދޭ ބަހާއި ފެރީގެ ހިދުމަތުގެ ޝެޑިއުލަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެގޮތުން އާރުޓީއެލް ފެރީގެ ހިދުމަތްތައްވެސް ދެމުންގެންދާނީ އިރުއޮއްސޭ ވަގުތު، ދުވަހުގެ އެންމެ ފަހު ދަތުރު ނިމޭ ގޮތަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

"ރޯދަ މަހު އެމްޓީސީސީން މާލެ ސަރަހައްދުގައި ދޭ ބަހުގެ ހިދުމަތް ފަށާނީ ހެނދުނު 7 ޖަހާއިރު. ރޯދަ ވީއްލާ ވަގުތަށް ހަވީރު 5 ޖަހާއިރު ހިދުމަތް މެދުކަނޑާލާނެ. އޭގެ ފަހުން ދަތުރުތައް ފަށާނީ ރޭގަނޑު 7:20 ގައި. ދަތުރުތައް ރޭގަނޑު 12 ޖެހުމާ ހަމައަށް ކުރިއަށް ގެންދާނެ،" އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ މާލޭގެ އެތެރޭގެ ދަތުރުތައް ވެސް ފަށާނީ ހެނދުނު 7:00 ގައި ކަމަށާއި ރޯދަ ވީއްލާ ވަގުތަށް ހަވީރު 6:00 އަށް ހިދުމަތް މެދުކަނޑާލުމަށްފަހު، ރޭގަނޑު 9:00 ގައި އަލުން ދަތުރުތައް ފަށައިގެންް މެންދަމު 12:00ގެ ނިޔަލަށް ހިދުމަތް ދޭނެ ކަމަށެވެ.

އެމްޓީސީސީން އަތޮޅުތެރޭގައި ދޭ ފެރީގެ ހިދުމަތް 20 އަތޮޅެއްގައި ދޭއިރު، ވީހާވެސް ބޮޑަށް ރައްޔިތުންނަށް ލުއި ފަސޭހަވާނެހެން އެ ހިދުމަތް ދިނުމަށް މަސައްކަތް ކުރާ ކަމަށާއި ރޯދަ މަހުގެ ދަތުރުތައް ރާވާފައިވަނީ ކޮންމެ ރޫޓެއްގެ އެންމެ ފަހު ދަތުރު އިރުއޮއްސުމުގެ ކުރިން ނިމޭގޮތަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ރަމަޟާން މަހު، ހުކުރު ދުވަހު ފެރީ ދަތުރުތައް މެދުކަނޑާލައެވެ. ފެރީ ދަތުރުތަކާއި ބަސް ދަތުރުތަކުގެ ތާވަލު އެމްޓީސީސީގެ ވެބްސައިޓުން ފެންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީގެ އަމާޒަކީ ރައްޔިތުންނަށް އިތުބާރު ހިފޭ، ލުއިފަސޭހަ އާންމު ދަތުރުފަތުރުގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.