ކ.ކާށިދޫ ނެރުމައްޗަށް އެރި ތެޔޮބޯޓު ފުންކޮށްފި ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
ގިނަ އަދަދެއްގެ ތެލާއި ޑީސަލާއެކު ފިޔުލް ސަޕްލައި މޯލްޑިވްސްގެ ތެޔޮބޯޓު "މާތޮޅި ބާޖު" ކާށިދޫ ނެރުމައްޗަށް އަރާފައިވަނީ ފާއިތުވި މެއި މަހުގެ 29 ވަނަ ދުވަހު އިރުއޮއްސި 6:45 ގައެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި މި ބާޖު ފުންކޮށްފައި ވަނީ މިއަދު 11:22 ހާއިރު އެވެ. އަދި ތެޔޮ ބާޖަށް އިތުރު ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި ކަނޑަށް ތެޔޮ ލީކުވެފައި ނުވާކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.
މިހާރު ތެޔޮ ބާޖު މާލެއަށް އައުމަށް ދަތުރު ކުރަމުން އަންނަކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
އިއްޔެ އެމްއެންޑީއެފް އިން ބުނީ ބާޖުގައި ހުރި ތެޔޮ ހުސްކުރުމުގެ މަސައްކަތް ބާޖުގެ ވެރިފަރާތުން އެހެން އުޅަނދުތައް ބޭނުންކޮށްގެން ކުރަމުންގެންދާ ކަމަށެވެ. މިއަދު ބާޖު ފުން ކޮށްފައިވަނީ އޭގައި ހުރި ތެޔޮ އެހެން ބޯޓަކަށް ހުސްކުރުމަށްފަހު އެވެ.