ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދ. އަތޮޅުގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފިއެވެ.
ބީއެމްއެލް އިން މިއަދު ވަނީ ދ. ހުޅުދެލީގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް އިފުތިތާހުކޮށްފައެވެ. އެ ހިދުމަތް ރަސްމީކޮށް އިފުތިތާހު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ ހުޅުދެލީގައި އާ އޭޓީއެމެއް ގާއިމުކުރެވުމާއެކު ވަކިވަކިން އޮންނަ ރަށްތަކެއްގެ މައްޗަށް އެކުލެވޭ އަތޮޅުތަކުގެ ތެރެއިން ދ. އަތޮޅަކީ މިހާރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އޭޓީއެމް ގާއިމުކުރެވިފައިވާ ހަމައެކަނި އަތޮޅު ކަމުގައި ކަމަށެވެ.
މިއީ ބޭންކަށާއި ދ. އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް އުފާވެރި އަދި މުހިންމު ކާމިޔާބީއެއް ކަމަށާއި އެކަމާ ބޭންކުން ފަހުރުވެރިވާ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 100 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 157 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނެވެ.