ޚަބަރު

ރަސްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް އިންޑިއާ ސަރުކާރުން ހިލޭ އެހީ ދީފި

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދީފައިވާ 106 މިލިއަން ދިވެހި ރުފިޔާ (6.9 މިލިއަން އެމެރިކާ ޑޮލަރު)ގެ ހިލޭ އެހީގެ ތެރެއިން އަރިއަތޮޅު އުތުރުބުރީ ރަސްދޫގެ ގޮނޑުދޮށުން ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް އަށް މިލިއަން ދިވެހި ރުފިޔާ ކަނޑައަޅައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ރަސްދޫގައި ގިރަމުންދާ 179 މީޓަރުގެ ސަރަހައްދެއް ހިމާޔަތް ކުރެވޭނެ ކަމަށާއި އެ ސަރަހައްދު ކުރިން ބޭނުންކޮށްފައިވަނީ ކުނިގޮނޑެއްގެ ގޮތުގައި ކަމުން، ގޮނޑުދޮށް ގިރުމުގެ ސަބަބުން ކުނި މޫދަށް އެޅި، ފެން ތަޣައްޔަރުވަމުން ދިއުމާއެކު، މި މައްސަލައަށް ވަނީ އަވަސް ހައްލަކަށް ބޭނުންވެފައި ކަމަށެވެ.

އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި އިންޑިއާ ސަރުކާރުން ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

މި އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓުތައް ހިންގާނީ ރާއްޖޭގެ ކަމާބެހޭ މުއައްސަސާތައް ގުޅިގެން ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.