ޚަބަރު

ބުރާސްފަތި ދުވަހު ފްލެޓް ލިސްޓު އާންމުކުރާނެ: ރައީސް

އަންނަ ބުރާސްފަތި ދުވަހު ފްލެޓް ލިސްޓު އާންމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، ދ. އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ހުޅުދެއްޔަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވި ޖަލްސާގައި ވިދާޅުވީ ރޯދަ މަހުގެ ކުރިން 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކުރައްވާނެ ކަމަށް އެކި ފަހަރުމަތިން އެ މަނިކުފާނު ދެންނެވި ނަމަވެސް އެކަމާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ސުވާލު އުފައްދާ ކަމަށެވެ.

ރައީސް ވިދާޅުވީ ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން ފްލެޓް ލިސްޓު އަންނަ ބުރާސްފަތި ދުވަހު އާއްމުކުރާނެ ކަމަށާއި އެ ލިސްޓުގައި ހުރިހާ ތަފްސީލްތަކެއް ހިމަނާފައިވާނެ ކަމަށެވެ.

"ބާކީ މި ހަފުތާގައި މިއޮތީ ދެ ދުވަސް. އަޅުގަނޑު ދެންނެވިން ރިޔާސީ ބަޔާނުގައި ރޯދައިގެ ކުރިން މި 4000 ފްލެޓުގެ ލިސްޓު އާންމު ކުރާނަމޭ. ބުރާސްފަތި ދުވަހު ހައުސިން މިނިސްޓަރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަށްފަހު އެ ލިސްޓު އާންމުކުރާގޮތަށް އޮތީ ހަމަޖެހިފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަކީ އެ މަނިކުފާނުގެ އެންމެ މުހިންމު ވައުދުފުޅު ކަމަށާއި މި ފަސް އަހަރު ނިމޭއިރު ބޯހިޔާވަހިކަން ކަށަވަރުނުވާ ރައްޔިތަކު ރާއްޖޭގައި ނުތިބޭނެ ކަމަށެވެ.

މާލެ ސަރަހައްދުން ފްލެޓް ދޫކުރުމަށް 26 ޖޫން 2022 ގައި ފަށާފައިވާ "ގެދޮރު ވެރިޔާ" ސްކީމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެއްޓެވި މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް އެ މަނިކުފާނުގެ ވެރިކަމުގައި 15 ނޮވެމްބަރު 2023 ގައި ނެރުނު ނަމަވެސް، ލިސްޓް އެކުލަވައިލުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ތުހުމަތުކޮށް، އާއްމު ފަރާތްތަކަކުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހެޅުމާ ގުޅިގެން، އެ މަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމުނުއިރުވެސް އެ ލިސްޓްގައި ހިމެނޭ ފަރާތްތަކަށް ފްލެޓް ހަވާލެއް ނުކުރެވުނެވެ.

އެއަށްފަހު މިހާރު އޮތް ރައީސް މުއިއްޒުގެ ވެރިކަމުގައި ވެސް އެ މައްސަލަ ބަލަން ފެށިއެވެ. އަދި ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓެ ނެރެ އެއަށް ޝަކުވާ ހުށަހުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ހައިދަރު އޮތީ ވިދާޅުވެފައިވެއެވެ.

ނަމަވެސް މިދިޔަ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފުރަތަމަ ހަފުތާގައި ވެސް ލިސްޓު އާންމުކޮށްފައެވެ. އެކަމާ ގުޅިގެން ފާޑު ކިޔުން އަމާޒުވުމުން ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ހައުސިން މިނިސްޓަރު، ހައިދަރު ވިދާޅުވެފައިވަނީ ހަފުތާ ނިމުމުގެ ކުރީ ދުވަހު ލިސްޓް އިއުލާން ކުރައްވާނެ ކަމަށެވެ.

ނަމަވެސް އެ ފަހުން ނޮވެމްބަރު 16 ގައި ހައުސިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނީ، އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، އެ ކޮމިޝަނުން އެ މިނިސްޓަރީއަށް އަންގާފައިވާ ކަންކަން ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން އެކުލަވައިލި ހައުސިން އެޑްވައިޒަރީ ކޮމިޓީ އާއި ހައުސިލް ކޮންސަލްޓޭޓިވް ކޮމިޓީގެ ލަފާގެމަތިން، އެ ސްކީމުގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަން ފޯމުތަކެއް މުރާޖައާ ކުރުމުގެ އެންމެހައި މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފުލެޓް ލިބުނު މީހުންގެ ލިސްޓު ނެރުމަށް އިތުރު ވަގުތު ބޭނުންވާތީ ލިސްޓު ނެރުން މުއްދަތެއް ނެތް ގޮތަށް ވަނީ ފަސްކޮށްފައެވެ. އެއިރު ހައުސިން މިނިސްޓަރަކަށް ހުންނެވީ ޑރ. އަލީ ހައިދަރު އަހުމަދެވެ.