ޚަބަރު

ޤާނޫނީ ފަންނުގެ ބިލުގެ ސަބަބުން ރާއްޖޭގެ ގާނޫނީ ދާއިރާ މުޅިން ބަދަލުވެގެންދާނެ: އޭޖީ

އިބްރާހިމް ޒަކީ

ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ބިލުގައި ހިމެނޭ ގާނޫނީ އޮނިގަނޑުގެ ސަބަބުން ރާއްޖޭގެ ގާނޫނީ ދާއިރާ މުޅިން ބަދަލުވެގެން ދާނެ ކަމަށް ބަންޑާރަ ނާއިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ބިލު (ލީގަލް ޕްރޮފެޝަންސް ބިލް) އަކީ ސަރުކާރުގެ ފަރާތުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާފައިވާ ބިލެކެވެ.

މި ބިލުގެ ފުރަތަމަ ކިއުން ވަނީ އަންނަ ހޯމަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެވެ.

އެ ބިލާބެހޭގޮތުން އެޓާނީ ޖެނެރަލް (އޭޖީ) މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުުގެ އެޖެންޑާގައި ލީގަލް ޕްރޮފެޝަންސް ބިލް އޮތުމުން އުފާކުރައްވާ ކަމަށާއި، ނިމިދިޔަ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ގޮންޖެހުންތަކާ ކުރިމަތިވި ނަމަވެސް، މި ބިލް ފާސްވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މި ބިލުން ރާއްޖޭގެ ފުރަތަމަ ބާ ކައުންސިލެއް އުފެދިގެން ދާނެ ކަމަށާއި، އެ ކައުންސިލް ވެގެން ދާނީ ގާނޫނީ ދާއިރާގައި މަސައްކަތް ކުރާ މީހުން ރެގިއުލޭޓް ކުރުމުގެ އިތުރުން ޖަވާބުދާރީ ކުރުވުމާއި، މަސައްކަތް ހަރުދަނާކޮށް، އިތުރު މިނިވަންކަން ފޯރުކޮށްދޭ އިދާރާއަކަށ ކަމަށްވެސް އޭޖީ ވިދާޅުވެފައިވެއެވެ.

މި ބިލުުގައި ބުނެފައިވަނީ، މިއީ، ގާނޫނީ ވަކީލުންނަށް ހުއްދަ ދޫކުރުމާއި، އެފަރާތްތަކުގެ ފަންނީ އެންމެހައި ކަންތައް ރެގިއުލޭޓް ކޮށް، ތަމްރީން ދީ ގާނޫނީ ފަންނު ތަރައްގީކޮށް، ހިދުމަތް ހޯދާ ފަރާތްތަކަށް އެކަމަށް މަގުފަހު ކޮށްދީ، އުސުލީ މިންގަނޑާ އެއްގޮތަށް ގާނޫނީ ވަކީލުންގެ ހިދުމަތް ލިބިދެވޭނެ އިންތިޒާމް ހަމަޖައްސައިދީ، ގާނޫނީ ވަކީލުންގެ ނަޒާހަތްތެރިކަން ކަށަވަރު ކުރުމާއި ވަކީލުންގެ ފަރާތުން ހިފަހައްޓަންޖެހޭ ސުލޫކީ މިންގަޑާ ހިލާފްވާ ފަރާތްތަކަށް ފާރަވެރިވުމާއި، ހިދުމަތް ހޯދާ ފަރާރްތަކުގެ ހައްގުތައް ހިމާޔަތްކުރުމުގެ މަގުސަދުގައި ހަދާ ބިލެއް ކަމަށެވެ.

މި ބިލު ގާނޫނަކަށް ވެގެންދާއިރު، ކޯޓުތަކުން ގާނޫނީ ވަކީލުން ރެގިއުލޭޓްކޮށް އެމީހުުންނާމެދު ފިޔަވަޅުއެޅުން ހުއްޓިގެންދާނެ އެވެ.

މި ބިލުގައި ބުނާގޮތުން ބިލް ގާނޫނަކަށް ވުމަށްފަހު ގާނުނީ ވަކީލުންނާބެހޭ ހުރިހާކަމެއް ހިނގާނީ، މި ގާނޫނުގެ ދަށުން އުފެދޭ ބާ ކައުންސިލުންނެވެ.