ޚަބަރު

ދައުލަތަށް މާލީ ގެއްލުން ލިބޭގޮތަށް ކުރީ ސަރުކާރުގެ ވެރިން އަމަލުކުރި، މައްސަލަ އޭސީސީއަށް ހުށަހަޅާނަން: އިހުސާން

މުހައްމަދު އިޝާން

ކުރީ ސަރުކާރުގެ ވެރިން ވަނީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި ގެއްލުންވާ ގޮތަށް ކަންތައް ކޮށްފައި ކަމަށާއި އެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅުއްވާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ 12 މެންބަރުންގެ ސޮޔާއެކު އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިދިޔަ މަހުގެ 17 ގައި ވަނީ މަޖިލީހަށް ވައްދައިފައެވެ. އެ މައްސަލަ މިއަދަށް އެޖެންޑާކޮށް ވަނީ ޖަވާބުދާރީވުމުގެ ފުރުސަތު އިހުސާނަށް ދެއްވައިފައެވެ.

މިއަދުގެ ޖަލްސާގައި އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވަމުން އިހުސާން ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ފުރިހަމައަށް ބަލަހައްޓަން ބެސްޓިނެޓާ އެކު އެއްބަސްވުމެއްގެ މަސައްކަތް ފަށައިފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށެވެ. އޭރު އެ އެއްބަސްވުން ހަދައިފައިވަނީ 15 އަހަރުގެ މުއްދަތަކަށް ކަމަށާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2019 ވަނަ އަހަރު ރާއްޖެއަށް ބަންގްލަދޭޝްއިން މަސައްކަތްތެރިން އެތެރެކުރުން ހުއްޓުވަން ނިންމުމާއެކު 15 އަހަރުގެ މުއްދަތަށް ހެދި އެއްބަސްވުމަށް އަމަލުކުރުން ހުއްޓިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިހުސާން ވަނީ އެއްބަސްވުންތަކުގެ ސީޓީތައް ވެސް މަޖިލީހުގައި ދައްކައިފައެވެ. ބެސްޓިނެޓުން މިދިޔަ ސަރުކާރަށް އެއްވެސް ޑިމާންޑެއް ވެސް ކޮށްފައި ނުވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް މިދިޔަ ސަރުކާރުގައި ވަކީލުން މެދުވެރިކޮށް އެއްބަސްވުމަށް ހަދާނެ ގޮތަކާ މެދު ލިޔެކިޔުން ބަދަލުކޮށްފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ބަދަލުކޮށްފައިވާ ސިޓީތައް:

  • 26 ސެޕްޓެމްބަރު 2019 - އެގްރީމެންޓާ ގުޅިގެން 13.7 މިލިއަންގެ އިންވެސްޓްމެންޓެއް ކޮށްފައިވާތީ ތަފްސީލް ހާމަކޮށް އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ބެސްޓިނެޓުން، އިމިގްރޭޝަނަށް ސިޓީ ފޮނުވި/ އެ ސިޓީއަށް ސަރުކާރުން ޖަވާބުދީފައިވާ ކަމަށް އިހުސާން ވިދާޅުވި
  • 11 ޑިސެންބަރު 2019 - އެކަމުގެ ސަބަބުން ގާނޫނީ މައްސަލަތައް ނުކުތުމުގެ ފުރުސަތު އޮތް ކަމަށް، ދިވެހި ދައުލަތަށް މާލީ ބުރައެއް އުފުލަން ޖެހިދާނެ ކަމަށް ބުނެ އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު އޭރުގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތުގެ ލަފައެއް ހޯދުމަށް އެދުނު/ އޭޖީގެ ފަރާތުން އެކަމުގައި ލަފާ ދީފައިނުވާ ކަމަށް އިހުސާން ވިދާޅުވި
  • 23 ޑިސެންބަރު 2019 - އެކަމުގައި އޭޖީގެ ލަފާ ލިބިފައިނުވާތީ އެކްސްޕެޓް ސިސްޓަމް ބަލަހައްޓަމުން ގެންދިޔަ އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ސިޓީ ފޮނުވައިވޭ
  • 9 ޑިސެންބަރު 2019 - މި މައްސަލައިގައި މަޝްވަރާކޮށް ޕޮލިސީ ލެވެލް ޑިސިޝަނެއް ނެގުމަށް އޭޖީ ވަނީ ލަފާދެއްވާފައި
  • 10 އޮގަސްޓު 2020 ބެސްޓިނެޓުން ވަނީ ގެއްލުމުގެ ބަދަލު ހޯދަން ސިޓީ ފޮނުވާފައި
  • 8 އޮކްޓޯބަރު 2020 - އޭޖީ ވަނީ އިމިގްރޭޝަނަށް ލަފާ ދީފައި / އިހުސާން ވިދާޅުވީ އެ ސިޓީގައި އޭޖީ އޮފީހުން ވަނީ އެ ސިސްޓަމް ބޭނުން ކުރުމާމެދު ތިން ވުޒާރާއަކާއެކު އެއްބަސްވުމަށް އައިސްފައިވާކަން ފާހަގަކޮށްފައި ކަމަށް
  • 01 ނޮވެންބަރު 2020 - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، އިމިގްރޭޝަނުން ސިޓީ ފޮނުވާފައި ލަފައަކަށް އެދުނު/ އެ ސިޓީއަށް ކުރީ ސަރުކާރުން ޖަވާބުދީފައިނުވާ ކަމަށް އިހުސާން ވިދާޅުވި
  • 21 މާޗް 2022 - ބެސްޓިނެޓް ކުންފުނިން 13.7 މިލިއަން ރުފިޔާގެ ބަދަލެއް އަނެއްކާ ވެސް ޑިމާންޑުކުރުމުން އޭޖީއަށް އަދި އިކޮނޮމިކް މިނިސްޓަރަށް އަލުން އެދުނު
  • 06 ޖުލައި 2022 - ސަރުކާރުން ޖަވާބު ނުދޭތީ ހަތް ދުވަހުގެ ޓާމިނޭޝަން ސިޓީއެއް ފޮނުވި
  • 25 އޮގަސްޓު 2022 - އެގްރީމެންޓު ބާތިލް ވެފައިވާތީ ޖަވާބެއް ނެތް ކަމަށް އޭޖީ އޮފީހުން ބުނި
  • 09 އޮކްޓޯބަރު 2022 - އެއްބަސްވުން އުވުނު ކަމަށް އޭޖީން ބުނެފައިވޭ
  • 24 މާޗް 2023 - އެއްބަސްވުން ބާތިލް ވުމާ ގުޅިގެން ކުންފުނިން ވަނީ 13.7 މިލިއަން ޑޮލަރު ދޭން އެންގި

އެ މައްސަލައާ ގުޅިގެން ފަހުން އޭޖީ އޮފީހުން އަންގާފައި ވަނީ އޭރު އޮތް ސެޓްލްމެންޓް ކޮމިޓީއަށް ލައިގެން، އެއްބަސްވުމަކަށް ދިއުމަށް ކަމަށް އިހުސާން ވިދާޅުވިއެވެ. ނަމަވެސް އެއަށް އަމަލު ކޮށްފައި ނުވަނީސް އެ ވެރިކަން ނިމުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސިސްޓަމް ގެނައުމުން ވޯކް ޕާމިޓްގެ ގޮތުގައި ދިވެހި ދައުލަތަށް 1.3 މިލިއަން ރުފިޔާ ވަދެގެން ދާނެ ކަމަށެވެ. އެއީ ކުރިން އަމަލު ކުރަމުން ދިޔަ ސިސްޓަމަށް ވުރެ ގިނަ އަދަދެއް ކަމަށާއި ކުރީގެ ސިސްޓަމުން ހޯދަން ޖެހޭ ފައިސާ އަދިވެސް ހޯދިފައިނުވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

"ބަރާބަރު އާ ސިސްޓަމަކަށް ގޮސްގެން 700 މިލިއަނުން، 1.3 ބިލިއަން ރުފިޔާއަށް އާމްދަނީ އަހަރަކު އަރުވާލެވޭތީ އަޅުގަނޑުމެން މި ސިސްޓަމާ ދިމާލަށް ދާން ޖެހުނީ. މި ބޭފުޅުން ވިދާޅުވީ ދައުލަތަށް 400 ރުފިޔާ ގެއްލުންވެޔޭ. އަޅުގަނޑު މި ބުނަނީ ދައުލަތަށް 500 އެތައް މިލިއަން ރުފިޔާ އިތުރަށް ފައިދާ ވާ ވާހަކަ،" އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ މި މައްސަލައިގައި ދައުލަތަށް ފައިދާވާން އޮއްވައި ގެއްލުން ކުރުވައިފި ކަމަށް އިދިކޮޅުން ތުހުމަތު ކުރި ނަމަވެސް، އެކަން އެގޮތަށް ކޮށްފައި އޮތީ ކުރީ ސަރުކާރުން ކަމަށެވެ.

"އަޅުގަނޑު މިއަދު މި ޖަލްސާ ނިންމާފައި ގޮސްފައި، މިދެންނެވި ހުރިހާ ސިޓީތަކަށް އިހުމާލުވެ މިދިޔަ ފަސް އަހަރުގެ ތެރޭގައި މި މައްސަލައެއް އެއްވެސް ހައްލެއް ނުހޯދައި، ދައުލަތަށް ފައިދާވާން އޮތް މައްސަލައެއްގައި ގެއްލުންދީފައިވާތީވެ، 517 މާއްދާގެ އިއްޒަތްތެރި މެންބަރުން ވިދާޅުވިހެން، އޭގެ ދަށުން ކުރީ ސަރުކާރުގެ ހުރިހާ ވެރިންގެ މައްޗަށް، ހުރިހާ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި އޭސީސީއަށް ހުށަހަޅާނަން." އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ކުރީ ސަރުކާރުގެ ވެރިންތައް މިނިވަންކަމާ އެކު އެ އުޅުއްވަނީ އެ ބޭފުޅުން ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކަމެއް ނުވާތީ ނޫން ކަމަށެވެ. އަދި ފުލުހުން ދަނީ އެ ބޭފުޅުންގެ މައްޗަށް ތުހުމަތުވާ މައްސަލަތަކުގެ ޖިނާއީ ތަހުގީގެއް ހިންގަމުން ކަމަށާއި އެ މައްސަލަތަކުގެ ތެރެއަށް އެއްވެސް ސިޔާސީ ނުފޫޒެއް ފޯރުވައިފައިނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުގެ މަގާމުތަކުގައި ތިބި މީހުންގެ މައްސަލަތަކާ ގުޅިގެން ހިންގަމުންދާ ތަހުގީގުތައް މިނިސްޓަރުގެ ހައިސިއްޔަތުން އަދި އެހެން ގޮތަކުން ވެސް ނުފޫޒެއް ފޯރުވާފައިނުވާނެ ކަމަށާއި ސަރުކާރުގެ ބައެއް ބޭފުޅުންނަށް ތުހުމަތުވާ މައްސަލަތައް މިހާރު ވެސް ގިނަ އިދާރާތަކުން ބަލަމުންދާ ކަމަށް އިހުސާން ވިދާޅުވިއެވެ.

އެގޮތުން ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެޔޮ ވަގަށް ވިއްކި މައްސަލައަކާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ތުހުމަތުވާ ހިޔާނާތެއްގެ އިތުރުން މޯލްޑިވްސް ކަރެކްޝަންސް ސާވިސަސް އަދި މޯލްޑިވްސް އިމިގްރޭޝްންއާ ގުޅުންހުރި ޖިނާއީ މައްސަލަތަކެއް ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރުން އެފަދަ މައްސަލަތައް ބެލި ނަމަވެސް ކުރީ ސަރުކާރުން އެފަދަ އެއްވެސް މައްސަލައެއް ބަލައިފައިނުވާ ކަމަށް އިހުސާން ވިދާޅުވިއެވެ.