ހޯމްލޭންޑް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އޭނާ ފުލުހުންގެ މުއައްސަސާގެ މައްޗަށް ނުފޫޒު ފޯރުވާނަމަ، ކުރީ ސަރުކާރުގެ ހުރިހާ ވެރިންތައް ތިބޭނީ ޖަލުގައި ކަމަށް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ 12 މެންބަރުންގެ ސޮޔާއެކު އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިދިޔަ މަހުގެ 17 ގައި ވަނީ މަޖިލީހަށް ވައްދައިފައެވެ. އެ މައްސަލަ މިއަދަށް އެޖެންޑާކޮށް ވަނީ ޖަވާބުދާރީވުމުގެ ފުރުސަތު އިހުސާނަށް ދެއްވައިފައެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ ގޮތުން ހޯމްލޭންޑް މިނިސްޓްރީގެ ދަށުގައިވާ ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)ގެ ޑޭޓާބޭސް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުވާ މައްސަލައާއި ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަނަށް ބޭނުންވާ އެކްސްޕެޓް ސިސްޓަމް، ދިވެހި ކުންފުންޏަކުން ހަދައިދީފައި ވަނިކޮށް ބިދޭސީންގެ ހުރިހާ ކަމެއް ބެލެހެއްޓުމަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށް، ބްލެކް ލިސްޓުކޮށްފައިވާ މެލޭޝިއާގެ ބެސްޓިނެޓް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި މައްސަލައާ ގުޅިގެން ކަމަށެވެ.
މީގެ އިތުރުން އިހުސާން، ފުލުހުންގެ ތަހުގީގުތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށްވެސް އެމްޑީޕީން ހުށަހެޅި މައްސަލައިގައި ތުހުމަތު ކޮށްފައިވެއެވެ
މިއަދުގެ ޖަލްސާގައި އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވަމުން އިހުސާން ވިދާޅުވީ ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވައިފައިނުވާނެ ކަމަށާއި އެފަދަ ނުފޫޒެއް ފޯރުވަން ވެސް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
"އަޅުގަނޑު ސިޔާސީ ނުފޫޒު ފުލުހުންގެ ތެރެއަށް ފޯރުވާ ނަމަ މިދިޔަ ސަރުކާރުގެ ހުރިހާ ވެރިން މިހާރު ތިބޭނީ ޖަލުގައި. އަޅުގަނޑު ސިޔާސީ ނުފޫޒު ނުފޯރުވާތީ އެ ބޭފުޅުން މިހާރު ވެސް މިނިވަންކަމާ އެކު އެ ތިބީ،" އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ކުރީ ސަރުކާރުގެ ވެރިންތައް މިނިވަންކަމާ އެކު އެ އުޅުއްވަނީ އެ ބޭފުޅުން ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކަމެއް ނުވާތީ ނޫން ކަމަށެވެ. އަދި ފުލުހުން ދަނީ އެ ބޭފުޅުންގެ މައްޗަށް ތުހުމަތުވާ މައްސަލަތަކުގެ ޖިނާއީ ތަހުގީގެއް ހިންގަމުން ކަމަށާއި އެ މައްސަލަތަކުގެ ތެރެއަށް އެއްވެސް ސިޔާސީ ނުފޫޒެއް ފޯރުވައިފައިނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުގެ މަގާމުތަކުގައި ތިބި މީހުންގެ މައްސަލަތަކާ ގުޅިގެން ހިންގަމުންދާ ތަހުގީގުތައް މިނިސްޓަރުގެ ހައިސިއްޔަތުން އަދި އެހެން ގޮތަކުން ވެސް ނުފޫޒެއް ފޯރުވާފައިނުވާނެ ކަމަށާއި ސަރުކާރުގެ ބައެއް ބޭފުޅުންނަށް ތުހުމަތުވާ މައްސަލަތައް މިހާރު ވެސް ގިނަ އިދާރާތަކުން ބަލަމުންދާ ކަމަށް އިހުސާން ވިދާޅުވިއެވެ.
އެގޮތުން ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެޔޮ ވަގަށް ވިއްކި މައްސަލައަކާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ތުހުމަތުވާ ހިޔާނާތެއްގެ އިތުރުން މޯލްޑިވްސް ކަރެކްޝަންސް ސާވިސަސް އަދި މޯލްޑިވްސް އިމިގްރޭޝްންއާ ގުޅުންހުރި ޖިނާއީ މައްސަލަތަކެއް ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ސަރުކާރުން އެފަދަ މައްސަލަތައް ބެލި ނަމަވެސް ކުރީ ސަރުކާރުން އެފަދަ އެއްވެސް މައްސަލައެއް ބަލައިފައިނުވާ ކަމަށް އިހުސާން ވިދާޅުވިއެވެ.