ޚަބަރު

އިންޑިއާގެ ވުމަން އެންޑް ޗައިލްޑް މިނިސްޓަރަށް ޝިދާތާ މަރުހަބާ ވިދާޅުވެއްޖެ

މަރިޔަމް ޝަހުދާ

އިންޑިއާގެ ވުމަން އެންޑް ޗައިލްޑް މިނިސްޓަރ ސްމްރިތީ އިރާނީއަށް، ރާއްޖޭގެ މިނިސްޓަރ އޮފް ޖެންޑާ ފެމެލީ އެންޑް ސޯޝަލް ސާވިސް ޝިދާތާ ޝަރީފް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ސްމްރިތީއަށް ޝިދާތާ މަރުހަބާ ވިދާޅުވެފައި ވަނީ ސްމްރިތީ މަގާމާއި ހަވާލުވުމުން ޝިދާތާ ކުރެއްވި ޓުވީޓެއްގައެވެ.

މި ޓުވީޓުގައި ޝިދާތާ ވިދާޅުވީ ސޯޝަލް ސާވިސްގެ ދާއިރާ ވަރުގަދަ ކުރުމަށް ރާއްޖެ އާއި އިންޑިއާ އެކުގައި މަސައްކަތް ކުރާނެކަމަށް އުއްމީދު ކުރއްވާކަމަށެވެ.

ސްމްރިތީ އަކީ ސިޔާސީ ދާއިރާއަށް ނިކުތުމުގެ ކުރިން އިންޑިއާގެ މަޝްހޫރު ޓީވީ ސީރީޒް ''ކިޔުކީ ސާސްބީ ކަބީ ބަހޫ ތީ''ގެ ލީޑް، ތުލްސީގެ ރޯލުން ފެނިގެން ދިޔަ އެކްޓްރެސް އެކެވެ.

އިންޑިއާގައި މިހާރު ވެރިކަން ކުރާ، ބާރަތިޔާ ޖަނަތާ ޕާޓީގެ މެމްބަރެއްގެ ގޮތުގައި 2011 ވަނަ އަހަރު އިންޑިއާގެ މަޖިލީހުގެ އަޖްޔާ ސަބާގެ މެމްބަރުކަން ކުރެއްވުމަށްފަހު ސްމްރިތީ ވަނީ މިއަހަރުގެ ލޮކް ސަބާ އިންތިހާބު ކާމިޔާބު ކުރައްވައިފައެވެ.

މީގެ އިތުރުން މިނިސްޓަރ އޮފް ހިއުމަން ރިސޯސް ޑިވަލޮޕްމަންޓް އަދި މިނިސްޓަރ ފޯ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ މަގާމުވެސް ސްމްރިތީ ފުރުއްވާފައި ވެއެވެ.