ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ 12 މެންބަރުންގެ ސޮޔާއެކު އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ މިދިޔަ މަހުގެ 17 ގައެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ ގޮތުން ހޯމްލޭންޑް މިނިސްޓްރީގެ ދަށުގައިވާ ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)ގެ ޑޭޓާބޭސް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުވާ މައްސަލައާއި ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަނަށް ބޭނުންވާ އެކްސްޕެޓް ސިސްޓަމް، ދިވެހި ކުންފުންޏަކުން ހަދައިދީފައިވަނިކޮށް ބިދޭސީންގެ ހުރިހާ ކަމެއް ބެލެހެއްޓުމަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށް، ބްލެކް ލިސްޓުކޮށްފައިވާ މެލޭޝިއާގެ ބެސްޓިނެޓް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި މައްސަލައާ ގުޅިގެން ކަމަށެވެ.
އޭގެ އިތުރުން އިހުސާން، ފުލުހުންގެ ތަހުގީގުތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށްވެސް އެމްޑީޕީން ހުށަހެޅި މައްސަލައިގައި ތުހުމަތު ކޮށްފައިވެއެވެ.
މަދާމާ ހެނދުނު 9:00 ގައި ފަށާ މަޖިލިސް ޖަލްސާގެ އެޖެންޑާގެ އެންމެ ފުރަތަމަ އައިޓަމެއްގެ ގޮތުގައި އޮތީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައެވެ.
މަޖިލީހުގެ ގަވާއިދުގައި މިހާރު އޮންނަ ވަގުތަށްވުރެ، ވަގުތު އިތުރުކޮށް، ހޯމް މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވާން އެއް ގަޑިއިރުގެ ފުރުސަތު ދޭން މިމަހުގެ 17 ގައި މަޖިލީހުގެ އާއްމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އިހުސާންގެ އިތުބާރުގެ ނެތްކަމުގެ މައްސަލައިގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް، ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހަޅުއްވާފައިވާ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދިއުމަށް ވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ. ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު އެ ބިލު ހުށަހެޅުއްވީ އަމިއްލަގޮތުންނެވެ.