މިދިޔަ ސަރުކާރުގައި ފެށި ބިންވެރިޔާ ސްކީމުގެ ތެރެއިން ގުޅިފަޅުން ގޯތި ލިބުނު އެންމެންނަށް ދެތިން މަސް ތެރޭގައި ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށް ނިންމަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މީދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މި ސަރުކާރުން ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން ގުޅިފަޅުގެ ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބުނު ހުރިހާ އެންމެންނަށް މިހާރު ހިއްކާ ނިންމާފައި އޮތް ސަރަހައްދުން ގޯތި ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.
"ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ގުޅިފަޅުން ގޯތި ލިބުނު ހުރިހާ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ ނިންމާނަން. އަމަލީ ގޮތުން ގޯތިވެސް ހަވާލުކުރަން ފަށާނަން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ގޯތި ހަވާލުކުރުމުގައި ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބަންދުކޮށްފައި އޮތް ސަރަހައްދަށްވާ ގޮތަށް ދޫކޮށްފައިވާ ގޯތިތައް ފިޔަވައި އެހެން ހުރިހާ ގޯއްޗެއް ހަވާލުކޮށް ނިންމާނެ ކަމަށެވެ.
ގިރާވަރުފަޅަށް ދިމާވެފައި އޮތް މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ތަން ހިއްކަން މިދިޔަ ސަރުކާރުން ހަވާލުކޮށްފައި އޮތީ ވަރަށް ބޮޑު ގެއްލުމެއް ލިބޭ ގޮތަށް ކަމަށާއި އެހެންވެ އެ އެއްބަސްވުން ބާތިލުކޮށް، އެ މަސައްކަތާ ސަރުކާރުން ހަވާލުވެ، އެތަން ހިއްކައި ނިންމައި އެ ތަނުން ގޯތި ލިބުނު އެންމެންނަށްވެސް ގޯތި ހަވާލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އުތުރު ތިލަފަޅުން އިތުރު 125 ވަރަކަށް ހެކްޓަރު މިއަހަރު ހިއްކަން ފަށައި، އަންނަ އަހަރަށް ނިމޭނެ ކަމަށެވެ. އަދި ހުޅުމާލެ ފޭސް ތިނެއް މި އަހަރުގެ ޖުލައި މަހު ހިއްކައި ނިމޭނެ ކަމަށްވެސް ވިދާޅުވިއެވެ.