އޯއައިސީ

އޯއައިސީ ސަމިޓުގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގެންފި

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 14 ވަނަ ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންފިއެވެ.

ސައުދީ އަރަބިއްޔާގެ މައްކާގައި އިއްޔެ ފެށި މި ސަމިޓުގެ މަގުސަދަކީ މުސްލިމު އުންމަތުގެ ލާބަޔާ މަންފާއަށްޓަކައި މަސައްކަތްކުރުމަށް އިސްލާމީ ގައުމުތަކުގެ މެދުގައި ގުޅުންބަދަހިކުރުމާއި ދީނުގެ މަތިވެރި އުސޫލުތައް ކުރިއެރުވުމަށް މަސައްކަތްކުރުމެވެ.

ކޮންމެ ތިން އަހަރަކުން އެއްފަހަރު ބާއްވާ މި ސަމިޓުން މުސްލިމު މެޖޯރިޓީ ގައުމުތަކުގެ ލީޑަރުންނަށް ފާހަގަކުރެއްވޭ އެންމެ މުހިންމު މައްސަލަތަކާއި އުންމަތުގެ އެކިއެކި ކަންކަމުގައި އެގައުމެއްގެ ވިސްނުންހުރިގޮތް ހިއްސާކުރެއްވުމާއި އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތައް ހައްލުކުރުމުގައި ގައުމުތަކުގެ އިސްވެރިންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ތަނަވަސްވެގެންދެއެވެ.

މި ސަމިޓުގައި ވާހަކަދެކެވޭ މައްސަލަތަކުގެ ތެރޭގައި ގައުމުތަކުގެ އެތެރޭގެ ބައެއް މައްސަލަތަކާއި އިސްލާމީ ގައުމުތަކުގެ މެދުގައި ގުޅުންބަދަހިކުރުމާއި އެކިއެކި ގައުމުތަކުގައި ދިރިއުޅޭ ބައިމަދު މުސްލިމުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެފަދަ އެހެނިހެން މައްސަލަތައް ހިމެނެއެވެ.

މި އަހަރުގެ ސަމިޓްގައި އިސްކަންދޭ ކަންކަމުގެ ތެރޭގައި މިއަދު ދުނިޔޭގައި މުސްލިމުންނާމެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތަކުގެ އަމަލުތައް ގިނަވަމުންދާ މައްސަލައާއި މެދުއިރުމަތީގެ މައްސަލައާއި އަދިވެސް މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތައް ހިމެނެއެވެ.

މި ސަމިޓަށް ރައީސް ސޯލިހް ވަނީ އިސްލާމީ އުންމަތަށް މުހިންމު ހުށަހެޅުންތަކެއް ހުށަހަޅުއްވައިފައެވެ. އެ ގޮތުން މުޅި އިސްލާމީ އުންމަތުގެ ބޮޑެތި މައްސަލަތަކަށް ރާއްޖެއިން ދޭ އިސްކަން ފާހަގަކުރައްވައި މުސްލިމު އުންމަތުގެ ލާބައާއި މަންފާއަށްޓަކައި ކުރެވޭ ކަންކަމުގައި ރާއްޖެއިން ވެސް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެކަން ފާހަގަކުރައްވާފައި ވެއެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް އަދި ވަކީން ހާއްސަކޮށް ފަލަސްތީނުގެ މުސްލިމު ރައްޔިތުންނަށް ރާއްޖެއިން ތާއީދު އޮތް މިންވަރު ފާހަގަކުރައްވައިފައެވެ.