ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން ކުރާ މަސައްކަތް ހުއްޓާލަން ގޮވާލި މައްސަލަ ހުށައެއް ނޭޅުނު

އިބްރާހިމް ޒަކީ

އަދުލުއިންސާފު ގާއިމްކުރުމުގެ ބާރު ކަނޑުވާލައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރައްވައި، އެކަމަށް ކުރައްވާ މަސައްކަތް ހުއްޓާލުމަށް ގޮވާލައު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އުޅުނު ކުއްލި މައްސަލަ ރިޔާސަތުން ބަލައެއް ނުގަތެވެ.

މި ކުއްލި މައްސަލަ ހުށަހަޅަން އެދިވަޑައިގަތީ އިދިކޮޅު އެމްޑީޕީގެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިން އަހުމަދު ނަސީމެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވިދާޅުވީ މެންބަރު މީކާއީލް ނަސީމް ފޮނުއްވި ކުއްލި މައްސަލައެެއް ލިބިފައިވާ ކަމަށެވެ.

ނަމަވެސް އެ މެންބަރު ފޮނުއްވި ކުއްލި މައްސަލައަކީ މަޖިލީހަށް ހުށަހަޅާފައިވާ ބިލެއްގައި ހިނގާނެ ބަހުސަކާގުޅޭ މައުލޫއަކަށް އޮތް މައްސަލައެއް ކަމަށްވާތީ، އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގައި، ކުއްލި މައްސަލައެއްގައި ހުންނަން ޖެހޭނެ ކަމަށް ބުނާ ޝަރުތު ފުރިހަމަނުވާތީ އެ މައްސަލަ ހުށަހެޅެން ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުގައި ތިއްބެވި ހަތް ފަނޑިޔާރުން ފަސް ފަނޑިޔާރުންނަށް މަދު ކުރުމަށް ސަރުކާރުން ހުށަހަޅައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތައާރަފްކުރި، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ބެހޭގޮތުން މި ކުއްލި މައްސަލައިގައި މީކާއީލް ވިދާޅުވެފައި ވަނީ އެ ބިލަކީ، ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް، ގާނޫނުއަސާސީއަށް ސަރުކާރުން ގެނައި އިސްލާހު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ބެެހޭގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި ނުފޫޒު ފޯރުވަން ހުށަހެޅި ބިލެއް ކަމަށެވެ.