އަނބިމީހާ ލައްވައި ހަށިވިއްކުވި މައްސަލައެއްގައި ފިރިމީހާއާއެކު އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް ތިން ފިރިހެނުންނާއި އެ އަންހެން މީހާގެ ފިރިމީހާ ކަމަށެވެ. ފުލުހުން ބުނީ 20 މޭ 2019 ވަނަ ދުވަހު މައްޗަންގޯޅި ގެއެއްގައި ހަށިވިއްކާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެގެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެގެއިން ހަށި ވިއްކުމުގެ މަސައްކަތުގައި އުޅުނު ބަންގަލަދޭޝް ތިން ފިރިހެނުން ހައްޔަރު ކުރެވިފައިވާ ކަމަށެވެ. ހަށިވިއްކާ ކަމަށް ތުހުމަތު ކުރެވުނު އަންހެން މީހާއަކީވެސް ބަންގްލަދޭޝް މީހެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލަ ބެލިބެލުމުން އަންހެންމީހާ ލައްވައި ހަށިވިއްކުވާފައިވަނީ އޭނާގެ ފިރިމީހާ ކަމަށާއި، އަދި އޭނާގެ ފިރިމީހާ ކޮށްފައި ހުރިކަމަށް ބެލެވޭ އަނިޔާގެ ނިޝާންތައްވެސް އޭނާގެ ހަށިގަނޑުގައި ފެންނަން ހުރި ކަމަށެވެ. އަދި އަންހެން މީހާގެ ޕާސްޕޯޓު އޭނާގެ ފިރިމީހާ ހިފައިގެން ދިޔަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. މި މައްސަލާގައި އަންހެން މީހާއަށް ސޭފްހައުސްއެއް ހަމަޖެހިފައިވަނީ 23 މޭ 2019 ވަނަ ދުވަހުކަމަށް ފުލުހުން ބުނެއެވެ. އޭގެ ކުރިން އަންހެން މީހާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އަންހެންމީހާގެ ފިރިމީހާގެ މައުލޫމާތު ފުލުހުން ވަނީ އިމިގްރޭޝަންއާ ހިއްސާކޮށްފައި ކަމަށެވެ. އަދި އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދަނިކޮށް 25 މޭ 2019 ވަނަ ދުވަހު 22:00 ހާއިރު އިމިގްރޭޝަނުން އެ ފިރިހެން މީހާ އަންހެން މީހާގެ ޕާސްޕޯޓު ހިފައިގެން ފުރަން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓައި ފުލުހުންނަށް އެ މައުލޫމާތު ދީފައިވާ ކަމަށެވެ. އެއީ 39 އަހަރުގެ މީހެއް ކަމަށާއި އޭނާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ ދެމަފިރިން ރާއްޖެ އައިސްފައިވަނީ ޓޫރިސްޓް ވިސާގެ ދަށުން 15 މޭ 2019 ވަނަ ދުވަހު ކަމަށެވެ. ކްރިމިނަލް ކޯޓުން އަންހެން މީހާގެ ފިރިމީހާއަށް ހަތް ދުވަސް އަނެއް ތިން މީހުންނަށް 15 ދުވަސް ވަނީ ޖަހައިދީފައެވެ.
ފުލުހުން މި މައްސަލަ ހިއުމަން ޓްރެފިކިންގެ މައްސަލައެއްގެ ގޮތުގައި ބަލަމުން ގެންދާކަމަށް ފުލުހުން ބުނެއެވެ.