ވިލާ އެއާ

ވިލާ އެއާއިން އައްޑޫއަށް ދަތުރުތައް ފެށުމަށް ގްރައުންޑް ހޭންޑްލިން އެގްރިމެންޓުގައި ސޮއިކޮށްފި

1

ވިލާ އެއާގެ ދަތުރުތައް އައްޑު އަތޮޅަަށް ފެށުމަށް ޓަކައި ގްރައުންޑް ހޭންޑްލިން އެގްރިމެންޓުގައި ސޮއިކޮށްފި އެވެ.

އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓާއި ވިލާ އެއާ މި އެގްރީމެންޓުގައި ސޮއިކުރީ އިއްޔެގެ ވަގުތެއްގަ އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ލަތީފު މިއަދު "ވަން އޮންލައިން" އަށް ވިދާޅުވީ ވިލާ އެއާގެ ދަތުރުތައް އަންނަ ނޮވެމްބަރު މަހުގެ މެދެއްހައި ހިސާބު އައްޑޫ އަށް ފެށުމަށް އެ އެއާލައިނުން ތައްޔާރުވަމުން އަންނަ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެބޭފުޅުން ރާއްވަވާފަ ވަނީ ޑެއިލީ ފްލައިޓްސް ގަމަށް ބާއްވަން. އެހެން ވެއްޖެ ނަމަ ރައްޔިތުންނަށް ރަނގަޅު ފައިދާތަކެއް ވާނެ." ލަތީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިލާ އެއާގެ ދަތުރުތައް އައްޑޫ އަށް ފެށުމުން ވާދަވެރިކަން އުފެދި އަގަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އަދި ވަރަށް އަވަހަށް ރާއްޖޭގައި ދަތުރުތައް ފަށަން ނިންމާފައިވާ މަންތާ އެއާގެ ދަތުރުތައް ވެސް އައްޑޫ ސިޓީއަށް ފެށުމަކީ އުއްމީދު ކުރައްވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

ލަތީފު ވިދާޅުވީ ސައުތު އެފްރިކަން އެއާލައިން ގެ ދަތުރުތައް ވެސް އަންނަ މަހުގެ 24 ގައި އައްޑޫ އަށް ފެށޭނެ ކަމަށާއި އޭރުން ހަތަރު އެއާލައިނުން މަހަކު 200 ފްލައިޓް ވަރު އޮޕްރޭޓް ކުރާނެ ކަމަށެވެ. މިހާރު އައްޑޫ އަށް އޮޕަރޭޓް ކުރަނީ ގައުމީ އެއާލައިން މޯލްޑިވިއަން އަދި ސްރީލަންކަން އެއާލައިންސް އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟