ޚަބަރު

އެޗްޑީސީން އެއް މިލިއަން ގަސް އިންދަނީ

ފާތިމަތު ލިޔުޝާ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ގޮތުން އެޗްޑީސީން އެއް މިލިއަން ގަސް އިންދުމަށް ނިންމައި ޕްލެޖްގައި ސޮއިކޮށްފިއެވެ.

އިއްޔެ ކުޑަގިރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެއް މިލިއަން ގަސް އިންދުމުގެ ޕްލެޖްގައި ސޮއިކުރެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލްއެވެ.

"މިއީ، އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަށްތައް ފެހިކުރުމާއެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވެ، އެ މަސައްކަތަށް އެޗްޑީސީން އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް،" މައުރޫފް ވިދާޅުވިއެވެ.

އޭގެ އިތުރުން، ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް ހެއްދުމަށްޓަކައި އެޗްޑީސީން ވަނީ ލ. ގަމުގައި އެއްލައްކަ އަކަފޫޓުގެ ނާސަރީއެއް ގާއިމްކުރުމަށް ނިންމައިފައެވެ.

އެގޮތުން، ހުޅުމާލޭގެ އިތުރުން އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަސްމާލެ އާއި ކުޑަގިރި، ތިލަފުށި އަދި ގުޅިފަޅުގައި އިންދާ ގަސްތައް ހެއްދުމަށް މި ނާސަރީ ބޭނުންކުރާނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

އެ ޕްރޮގްރާމާއެކު ހުޅުމާލެ ހިމެނޭހެން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ފެހިކުރުމަށް އެޗްޑީސީން ހިފާފައިވާ އަމާޒަށް ވާސިލުމަށް ވެސް މަގުފަހިވާނެ ކަމަށާއި އެ ކޯޕްރޭޝަންގެ އަމާޒަކީ، އެޗްޑީސީގެ ދަށުގައި އޮތް ހުރިހާ ރަށްތަކަކީވެސް ހިތްފަސޭހަ، ފެހި މާހައުލަކަށް ހެދުން ކަމަށް އެ ކޯޕްރޭޝަނުން ބުންޏެވެ.