ގިނަ ކުޑަކުދިންތަކެއް ހިމެނޭ ނިކަމެތި އާއިލާއަކަށް އޭޑީކޭއިން އެހީތެރިވެދީފިއެވެ. ނިކަމެތި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ މިދިޔަ އަހަރުންފެށިގެން ކޮންމެ އަހަރަކުވެސް ރަމަޟާންމަހާ ދިމާކޮށް އޭޑީކޭއިން ކުރިއަށް ގެންދާ ހަރަކާތެކެވެ.
އޭޑީކޭ ސީއެސްއާރު ޓީމުން ލ.ހިތަދުއަށް ކުރި ދަތުރުން ފާހަގަ ކުރެވުނު އެ އާއިލާއަކީ އެންމެ އަސާސީ ބޭނުންތަކުންވެސް މަހްރޫމުވެފައިވާ އާއިލާއެކެވެ. އެއާއިލާގައި ހަތް ކުދިން ތިބެއެވެ. އޭގެ ތެރެއިން ފަސް ކުދިން މިހާރު ދިރިއުޅެމުން ގެންދަނީ އެކުދިންގެ މަންމައާއެކުއެވެ. އެކުދިންނަކީ ބައްޕައެއްގެ ލޯބިން މަހުރޫމްވެފައިވާ ކުދިންތަކެވެ.
މުޖުތަމައިން އެ އާއިލާގެ ކުދިންވަނީ، މުޅިން އެކަހެރިކޮށްލާފައެވެ. ލޯތްބާއި އޯގާތެރިކަމުން މަހްރޫމްކޮށްލާފައެވެ. އެކުދިން ސްކޫލަކަށް ނުދެއެވެ. ސްކޫލުގެ މާހައުލުން ލިބިގެންދާ މަލާމާތާއި ފުރައްސާރައިގެ ސަބަބުންނެވެ. އެންމެ އަސާސީ ހިދުމަތްތައް ކަމުގައިވާ ގޭގައި ފާހާނާ ކުރެވޭނެ ފަދަ އެއްވެސް ގޮތެއްވެސް އެކުދިން ދިރިއުޅެމުން ގެންދާ ގެއަކު ނެތެވެ. އެކުދިންގެ ހަރަކާތްތަކުން އެކުދިން ލޯތްބާއި އޯގާތެރިކަން ސިފަވެގެންދިޔަ ކަމަށް އޭޑީކޭ ސީއެސްއާރު ޓީމުން ބުނެއެވެ.
މިހާރު ފަސް ކުދިން އެކަނިމާއެކަނި ބަލަމުން އެކުދިންގެ ހުރިހާ ކަމެއް ކުރަމުން ގެންދަނީ އެކުދިންގެ މަންމަ އެކަންޏެވެ. އޭނާއަކީވެސް މީހުންގެ ފުރައްސާރައާއި ޖިންސީގޯނާ ލިބެމުން ދިޔަ މީހެކެވެ. މިހާރުވެސް އޭނާއަށް އެ އުނދަގޫތަކާއި ފުރައްސާރައާ ކުރިމަތިލާން ޖެހޭކަމަށް އެކުދިންގެ މަންމަ ބުނެއެވެ.
"އަހަރެމެން ނިކަމެތިވީމާ އަހަރެމެންގެ ނާޖާއިޒު ފައިދާ ނަގަން އަބަދުވެސް މީހުން އަބަދުވެސް މަސައްކަތް ކުރޭ" އޭޑީކޭ ސީއެސްއާރު އަށް އެކުދިންގެ މަންމަ މައުލޫމާތު ދެމުން ބުންޏެވެ.
ގިނަ ކުޑަކުދިންތަކެއް ހިމެނޭ އެ އާއިލާއިން ނިދަން ބޭނުން ކުރަނީ އެންމެ ގޮދަޑިއެކެވެ. އެ ގޮދަޑީގައި އެކުދިން ނިދާފައި ތިބޭއިރު ހިންޏާއި މަދިރީގެ އުނދަގުލުން އެކުދިންނަކަށް ރަނގަޅަކަށް ނުނިދެއެވެ. މިދެންނެވި ކަންތައްތައް އޭޑީކޭ ސީއެސްއާރު ޓީމަށް ފެނުމުން އެކުދިން ދިރިއުޅެމުން ގެންދާ ހާލަތު ބަދަލުކޮށް އެކުދިންނަށް އެހީތެރިވުމަށް އެޓީމުން ނިންމިއެވެ. އެއީ ގިނަ ރަށްތަކެއް ބެލުމަށްފަހު އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ އާއިލާއަކީ އެއީކަން ޔަގީންވުމުންނެވެ.
އެގޮތުން އެއާއިލާއަށް ބޭނުންވާނެ އެހީތެރިކަން ބެލުމަށްފަހު ދިހަ ދުވަހުގެ ތެރޭގައި މަސައްކަތަށް ބޭނުންވާނެ ހުރިހާ ސާމާނަކާއި، ފަރުނީޗަރު ހިފައިގެން އެނބުރި ހިތަދުއަށް އައިސް އެކުދިން ދިރިއުޅެމުން ގެންދާ ގެ އެޅުމުގެ މަސައްކަތްވަނީ ފަށާފައެވެ. މަސައްކަތް ފަށާފައިވަނީ ރަމަޟާން ފެށެން ވަރަށް ކައިރިވެފައިވަނިކޮށެވެ. ރަމަޟާންމަހުގެ ބަޔަކާ އެއްކޮށް ބުރަކޮށް މަސައްކަތްކޮށް އެގެ މަރާމާތުކޮށް ނިންމާލިއެވެ. އެއަށްފަހު އެއާއިލާއިން ގެއަށް ވަން މަންޒަރަކީ އާއިލާގެ ހުރިހާ ކުދިންގެ މޫނު މަތިން އުފާވެރިކަން ފެނިގެން ދިޔަ މަންޒަރެއްކަމަށް އޭޑީކޭ ސީއެސްއާރު ޓީމުން ބުނެއެވެ.
މީގެ އިތުރުން ސީއެސްއާރު ޓީމުން ވަނީ ސްކޫލަށް ނުގޮސް ހުރި 13 އަހަރުގެ ކުއްޖާއަށް ސްކޫލަށް ބޭނުންވާނެ އެންމެހައި ކަންތައްތަކެއް ހަމަޖައްސައި އެކުއްޖާ ސްކޫލަށް ގެންގޮސްފައެވެ. އޭޑީކޭއިން އެ އާއިލާއަށް ވެދިން އެހީތެރިކަމުގެ މައްޗަށް ބިނާކޮށް ނެރެފައިވާ ވީޑިއޯ ބަލައި ގިނަ ބަޔަކު ދަނީ އޭޑީކޭއަށް ތައުރީފުކުރަމުންނެވެ.