ދ. އަތޮޅު ހޮސްޕިޓަލުގެ 50 އެނދުގެ އާ އިމާރާތް ހެދުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ.
އެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހު އަލީ ނަސީރެވެ.
ދ. އަތޮޅު ހޮސްޕިޓަލުގެ 50 އެނދުގެ އާ އިމާރާތް ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 181 މިލިއަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ގޮތަށެވެ. އެ އެއްބަސްވުމުގެ ދަށުން މެމޮގްރަފީ ހިދުމަތް ލިބޭނެ ފެސިލިޓީ، ޑެންޓަލް އޯޕީޖީ އަދި ކަށީގެ ފަރުވާތަކަށް ހާއްސަ އޯތޯ-ތިއޭޓާ ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ އިތުރުން ހޮސްޕިޓަލުގެ މުވައްޒަފުންނަށް ތަމްރީނުދިނުމަށް ބޭނުންވާނެ ފެސިލިޓީ ގާއިމުކުރުމާއި، އެ ހޮސްޕިޓަލަކީ އަތޮޅު ހޮސްޕިޓަލަކަށްވާތީ، އަތޮޅުތެރޭގެ މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީންދިނުމަށް ބޭނުންވާ ފެސިލިޓީއެއް ވެސް ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ޕްރައިވެޓް ރޫމް ފެސިލިޓީތައް ގާއިމުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ ކުޑަހުވަދޫއަކީ އެއާޕޯޓެއް އޮންނަ ރަށަކަށްވާތީ އެމަޖެންސީ ހާލަތްތަކުގައި ކޭޓާކުރެވޭނެ އިމަޖެންސީ އީއާރެއް ގާއިމުކުރެވިގެންދާނެ ކަމަށާއި އެ އާ ހޮސްޕިޓަލް އިމާރާތްތައް ގާއިމުކޮށް ހިދުމަތްދޭން ފެށުމާއެކު، ޖާގައިގެ ދަތިކަން ހައްލުވެ، އެތަންތަން ގިންތިކޮށްފައިވާ މިންވަރަށް ތަނުން ފޯރުކޮށްދޭންޖެހޭ އެންމެހާ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ. އަދި ރަށުންނާއި ރަށާ ކައިރި އާބާދީތަކުގެ ރައްޔިތުންނަށްވެސް ހިދުމަތް ލިބިގަތުމުގައި އެތަކެއް ލުއި ފަސޭހަތަކެއް ވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ހޮސްޕިޓަލަކީ ކޮވިޑް ފަދަ ބަލިތައް ފެތުރޭ ހާލަތްތަކުގައި ހޮސްޕިޓަލުގެ އޮޕްރޭޝަން ނުހުއްޓި ކުރިއަށްގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ ހިމެނިގެން ހެދޭ ހޮސްޕިޓަލެއް ކަމަށާއި ހޮސްޕިޓަލުގެ ބޭނުން ކުރާ ހަކަތައަށް ކުރާ ހަރަދު ކުޑަކުރުމުގެ ގޮތުން އެ މަޝްރޫއުގެ ދަށުން ހޮސްޕިޓަލުގައި ސޯލާ ޕީވީ ސިސްޓަމް ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން އިތުރަށް ބުނީ ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއާ އަދި ސަކްޝަން އެޅިފައިވާނެ ކަމަށާއި
ހޮސްޕިޓަލުގެ އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ޕަވާބެކަޕް ސިސްޓަމެއް ގާއިމުކުރެވިގެންދާނެ ކަމަށެވެ. އަދި
ވޭސްޓް މެނޭޖްމަންޓް ސިސްޓަމާއި، ހޮސްޕިޓަލް ގްރޭޑް އިންޑަސްޓްރިއަލް ލޯންޑްރީ ސެޓަޕެއްގެ އިތުރުން ހޮސްޕިޓަލަށާއި އަތޮޅުތެރެއަށް ބޭނުންވާ މެޑިކަލް އޮކްސިޖަން ޕްލާންޓު ވެސް ގާއިމުކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.