ޚަބަރު

ކުޑަހުވަދޫގައި ބީއެމްއެލްގެ އިތުރު އޭޓީއެމްއެއް ބަހައްޓައި، އާ އިމާރާތެއް ހަދަން ބިންގާ އަޅައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދ. ކުޑަހުވަދޫގައި ދެމުންދާ ހިދުމަތް ފުޅާކުރުމަށް މިއަދު ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށައި، އާ ބްރާންޗުގެ ބިންގާ އަޅައިފިއެވެ.

ކުޑަހުވަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އާ ބްރާންޗުގެ ބިންގާ އެޅީ ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބް އަދި ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ. އެ ހަފުލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކުޑަހުވަދޫގައި މިހާރު ހުރި އޭޓީއެމްއަކީ ސެލްފް ސާވިސް އޭޓީއެމެއް ނޫނެވެ.

ބީއެމްއެލް އިން ބުނީ، މިހާރު ކުޑަހުވަދޫގައި ހުރި އޭޓީއެމްގެ އިތުރުން، އަލަށް ހަދާ އޭޓީއެމުން ކަސްޓަމަރުންނަށް އިތުރު ބޭންކިން ހިދުމަތްތައް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ޓްރާންސްފާ ކުރުމާއި ކާޑުތަކަށާއި ލޯނުތަކަށް ފައިސާ ދެއްކުން ހިމެނެއެވެ. އަދި އަލަށް ބެހެއްޓި އޭޓީއެމްގެ ސަބަބުން ކަސްޓަމަރުންނަށް ބްރާންޗަށް ޒިޔާރަތް ނުކޮށް 24 ގަޑިއިރު ގިނަ ބޭންކިން މުއާމަލާތްތައް ކުރެވޭނެ ކަމަށްވެސް ބޭންކުން ބުންޏެވެ.

"ކުޑަހުވަދޫގައި ހިދުމަތް ފުޅާކުރެވުމަކީ އަޅުގަނޑުމެންގެ މުޖުތަމައާ ވީހާވެސް ގާތުން ފަސޭހަ ކަމާއެކު ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ހެއްކެއް. އާ ބްރާންޗް ނިމުމުން، ދ. ކުޑަހުވަދޫ އަދި މި ސަރަހައްދުގެ ރައްޔިތުންނަށް އަޅުގަނޑުމެންގެ ހުރިހާ ބޭންކިން ހިދުމަތްތަކެއް މިހާރަށްވުރެ ފަސޭހަކޮށް ލިބިގެންދާނެ." ޝަރީފު ވިދާޅުވިއެވެ.