އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން އެވަޓަންއާ އެއްވަރުކުރި އިރު، އާސެނަލުން ވެސްޓް ހޭމް ކައިރިން ބަލިވެއްޖެއެވެ.
ޔުނައިޓެޑުން ރޭ ރަށުން ބޭރުގައި އެވަޓަންއާ އެއްވަރުކުރީ 2-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ޔުނައިޓެޑުން ދެ ގޯލު ޖެހީ ދެވަނަ ހާފަށް ނުކުމެއެވެ. އެއީ އެވަޓަންއިން ފުރަތަމަ ހާފުގައި ދެ ގޯލު ޖަހާފައި ވަނިކޮށެވެ.
އާސެނަލުން ދެވަނައިގައި އޮވެ ތަށްޓަށް ވާދަކުރަމުންދާ އިރު، ރޭ ވެސްޓް ހޭމް ކައިރިން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު އެޓީމަށް ލިވަޕޫލާ ފަރަގު ބޮޑުކުރަން ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ.
މިހާތަނަށް ކުޅުނު 26 މެޗުގައި އާސެނަލަށް 53 ޕޮއިންޓް ލިބިފައިވާ އިރު، ލިވަޕޫލް އެއްވަނައިގައި އޮތީ 26 މެޗުން 61 ޕޮއިންޓާއެކުގައެވެ. ރޭ ޔުނައިޓެޑަށް ލިބުނު ޕޮއިންޓާއެކު އެޓީމުން 15 ވަނައިގައި އޮތީ 26 މެޗުން 30 ޕޮއިންޓާއެކުގައެވެ. އެވަޓަން 14 ވަނައިގައި އޮތް އިރު، އެޓީމަށް ލިބިފައި ވަނީ 26 މެޗުން 30 ޕޮއިންޓެވެ.
އެވަޓަންއިން ރޭ ފުރަތަމަ ހާފު ޑޮމިނޭޓްކޮށް ކުޅެފައިވާ އިރު، އެޓީމުން 19 ވަނަ މިނެޓުގައި ގޯލުވެސް ޖެހިއެވެ. އެ ގޯލު ޖެހީ ބެޓޯއެވެ. އެ ގޯލާއެކު ލީޑު ނެގި އެވަޓަންއިން ހާފު ނިންމާލީ އިތުރު ގޯލަކާވެސް އެކުގައެވެ. އަބްދުﷲ ޑަކޫރޭ ޖެހި އެ ގޯލަކީ އޭރިއާ ތެރެއިން ބޯޅަ ސާފުކޮށްލަން އުޅުމުގެ ތެރޭގައި ޔުނައިޓެޑްގެ ޑިފެންޑަރު ހެރީ މެގުއާ ޖައްސާލި ބޯޅައަކުން ހޯދި ފުރުސަތެއްގައި އޭނާ ޖެހި ގޯލެކެވެ.
ދެވަނަ ހާފަށް ނުކުމެ 72 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން ބްރޫނޯ ފެނާންޑޭސް ޔުނައިޓެޑަށް ފަރަގު ކުޑަކޮށްދިން އިރު، އޭގެ އަށް މިނިޓު ފަހުން މެނުއަލް އުގާޓޭ ވަނީ އޭރިއާ ރޮނގުމަތިން ގޯލަށް ބޯޅައެއް ފޮނުވާލައިގެން ޔުނައިޓެޑަށް އެއްވަރުކޮށްދީފައެވެ.
މެޗު ނިމެން ދަނިކޮށް އެވަޓަންގެ އެޝްލީ ޔަންގަށް އޭރިއާ ތެރެއިން ޔުނައިޓެޑުގެ މެގުއާއާއި މަތިއަސް ޑެ ލިޓް ފައުލް ކުރި ކަމަށް ބަލައި ރެފްރީ ޕެނަލްޓީ ދިން ނަމަވެސް، ވީއޭއާރް އެ ދޭތެރެއަށް ވަދެ ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ.
އާސެނަލުން ރޭ ކުޅުނު މެޗުގައި ވެސްޓް ހޭމްއިން އެޓީމު ކޮޅަށް ޖެހި ހަމައެކަނި ގޯލު ޖަހައިދިނީ ޖެރަޑް ބޮވެންއެވެ. އެއީ ފުރަތަމަ ހާފު ނިމެން ދަނިކޮށް އޭނާ ކާމިޔާބުކޮށްދިން ގޯލެކެވެ.
އާސެނަލުން ދެވަނަ ހާފަށް ނުކުމެ ނަތީޖާ އަނބުރާލަން މަސައްކަތް ކުރި ނަމަވެސް، އެކަން ކުރެވޭ ގޮތެއް ނުވިއެވެ. އެޓީމަށް އެ މަސައްކަތުގައި އިތުރު އުނދަގުލަކާ ކުރިމަތިވީ އުމުރުން 18 އަހަރުގެ ލެވިސް ސްކެލީއަށް ރަތް ކާޑު ދެއްކުމުންނެވެ. އޭނާއަށް ރަތް ކާޑު ދެއްކީ މެދު ރޮނގެއްހާ ހިސާބުން މުހައްމަދު ކުޑޫސްއަށް ކުރި ޕްރޮފެޝަނަލް ފައުލަކާ އެކުގައެވެ.