އުރީދޫ ނޭޝަން ގޭމާސް ލޭންޑް، އަގުހުރި އިނާމުތަކާއެކު ނިންމާލައިފިއެވެ.
އުސްފަސްގަނޑުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރަފީއު އެވެ.
އެ ފެސްޓިވަލަކީ ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކާއި އީސްޕޯޓްސް އެތުލީޓުންނަށް ހާއްސަކޮށްގެން ކުރިޔަށްގެންދިޔަ ގޭމިން އިވެންޓެކެވެ.
އެ ފެސްޓިވަލު ފެށީ ވައިބްރަންޓް ކޮސްޕްލޭ ސެގްމެންޓަކުން ކަމަށާއި އެ ފެސްޓިވަލުގައި ހުނަރުވެރި ބައިވެރިން ވަނީ އައިކޮނިކް ގޭމިން އާއި އެނިމޭ ކެރެކްޓާތައް ދިރުވައި އެ މީހުންގެ އުފެއްދުންތެރިކަން ދައްކާލާފައި ކަމަށް އުރީދޫއިން ބުންޏެވެ.
ވަރުގަދަ ވާދަވެރިކަމަކަށްފަހު އުރީދޫ ނޭޝަން އަލްޓިމޭޓް ޕްލޭޔަރުގެ މަގާމު، 30،000 ރުފިޔާގެ ފައިސާގެ އިނާމާއެކު ހޯދީ ހައިޝަމް ވަހީދެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ރާފިއު ވަނީ، އީސްޕޯޓްސް އާއި ގޭމިން ސަގާފަތް ކުރިއެރުވުމުގައި އުރީދޫ ނޭޝަން އިން އަދާކުރަމުން އަންނަ ދައުރަށް ތައުރީފުކުރައްވައިފައެވެ.
"ގޭމިން އާއި އީސްޕޯޓްސް އަކީ ދުނިޔޭގެ މުނިފޫހިފިލުވުމާއި ޑިޖިޓަލް އިނޮވޭޝަންގެ ބޮޑު ބަޔަކަށް ވެއްޖެ. ގެމާސް ލޭންޑް ފަދަ އިވެންޓުތަކުން އަޅުގަނޑުމެންގެ ހުނަރުވެރި ގޭމަރުންނަށް ޕްލެޓްފޯމެއް ލިބުމުގެ އިތުރުން ރާއްޖޭގެ އިންޑަސްޓްރީ ކުރިއެރުވުމަށް ވެސް އެހީތެރިވެދޭ،" މިނިސްޓަރު ވިދާޅުވިއެވެ.
އުރީދޫން ބުނީ އުރީދޫ މޯލްޑިވްސް އަކީ އުރީދޫ ނޭޝަން މެދުވެރިކޮށް ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުވައި، ޑިޖިޓަލް ޒަމާނުގައި ކުޅުންތެރިންނަށް ވާދަކޮށް، ގުޅާލައި، ކުރިއެރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގައި ދެމިއޮންނާނެ ކުންފުންޏެއް ކަމަށެވެ.