ޚަބަރު

ރޯދަ މަހު ބީއެމްއެލްގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބޭނެ ގޮތް ހަމަޖައްސަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިޖިޓަލައިޒޭޝަން ހިދުމަތްތައް އިތުރަށް ތަރައްގީކޮށް، މި ފެށޭ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭންކަށް ނުގޮސް ހުރިހާ ބޭންކިން ހިދުމަތެއް ލިބޭނެ ގޮތަށް ހިދުމަތްތައް ބައްޓަންކުރުމަށް ނިންމައިފިއެވެ.

ބީއެމްއެލްގެ ޑިޖިޓަލް ޗެނަލްތަކުން މިހާރު ލިބޭ ހިދުމަތްތައް:

  • ފައިސާ ޖަމާކުރުމާއި ނެގުން
  • ފައިސާ ޓްރާންސްފާ ކުރުން
  • ލޯނާއި، ފައިނޭންސް އަދި ކްރެޑިޓް ކާޑަށް ފައިސާ ދެއްކުން
  • މުދާ ގަތުމަށާއި ހިދުމަތްތަކަށް ފައިސާ ދެއްކުން
  • ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން
  • ލުއި ލޯނާއި ފައިނޭންސް ދޫކުރުން
  • ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑަށް އެދި ހުށަހެޅުން
  • އޮންލައިންކޮށް ކާޑު އެކްޓިވްކުރުން، ޕިން ބަދަލުކުރުން، ފްރީޒްކުރުން އަދި ކާޑު ބްލޮކް ކުރުން
  • ޒަކާތް ދެއްކުން

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބީއެމްއެލުން ތައާރަފުކުރާ ހިދުމަތްތައް:

  • އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓުތައް އޮންލައިންކޮށް ހުޅުވައިދިނުން. މިހާރުވެސް އެކައުންޓެއް ހުޅުވާފައިވާ ކަސްޓަމަރުންނަށް އިތުރު އެކައުންޓުވެސް އޮންލައިންކޮށް ހުޅުވޭނެ.
  • ވިޔަފާރި އެކައުންޓުތައް އޮންލައިންކޮށް ހުޅުވައިދިނުން.
  • ގެދޮރު ގަތުމާއި ގެދޮރު އިމާރާތްކުރުމާއި ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ލޯނު ހިމެނޭހެން ހުރިހާ ލޯނަކާއި ފައިނޭންސަށް އެދި އޮންލައިންކޮށް ހުށަހެޅޭނެ ގޮތް ހަމަޖެއްސުން.
  • ރާއްޖެއިން ބޭރުން އަންނަ ފައިސާގެ ތެރެއިން 10،000 ޑޮލަރުން ފެށިގެން ދަށުގެ އަދަދުތައް ވަގުތުން ވެރިފިކޭޝަން ނިންމުމަށްފަހު އެކައުންޓަށް ޖަމާކޮށްދިނުން.
  • ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ (ޓީޓީ އަދި އޮންލައިން މަނީ ޓްރާންސްފާ)ގެ ތެރެއިން 5،000 ޑޮލަރުން ފެށިގެން ދަށުގެ އަދަދުތައް އޮންލައިންކޮށް ފޮނުވޭނެ ގޮތް ހަމަޖެއްސުން.
  • ވިޔަފާރިތަކުން ނަގުދު ފައިސާ ނެގުމަށް ޗެކުގެ ބަދަލުގައި، ބިޒްނަސް ކާޑުން ފައިސާ ނެގޭ އަދަދު ދެ ލައްކަ ރުފިޔާއަށް އިތުރުކުރުން.

ބީއެމްއެލުން ބުނީ ކަސްޓަމަރުންނަށް ފަސޭހައިން ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކާޑު ނަގަން ކަސްޓަމަރުން ބޭންކަށް އަންނަން ނުޖެހޭ ގޮތަށް، ކަސްޓަމަރުގެ ގެއަށް ކާޑު ފޮނުވައިދިނުމުގެ ހިދުމަތްވެސް އަންނަ މަހުން ފެށިގެން ފަށާނެ ކަމަށެވެ. އެގޮތަށް ފޮނުވާ ކާޑުތައް އެކްޓިވޭޓްކޮށް އަދި ޕިން ބަދަލުކުރެވޭނީ އިންޓަނެޓް ބޭންކިން ނުވަތަ ބޭންކުގެ އެޕް މެދުވެރިކޮށްގެންނެވެ.

ބީއެމްއެލުން ބުނީ، ބޭންކުގެ ކާޑުތަކުން، ބޭންކުގެ ޕީއޯއެސް ނުވަތަ އޮންލައިންކޮށް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް ވިޔަފާރިތަކުން ބަލައިގަންނަ ފައިސާ، ދުވަހުގެ ސެޓްލްމެންޓް ފުރިހަމަކޮށްފައިވާނަމަ 24 ގަޑިއިރުތެރޭގައި އެކައުންޓަށް ޖަމާކޮށްދިނުމުގެ ހިދުމަތްވެސް އަންނަ މަހުން ފެށިގެންދާނެ ކަމަށެވެ. އަދި މަދު ފަހަރަކު ދިމާވާ ގޮތަކުން އޭޓީއެމް އިން ފައިސާ ނެގުމާއި ޖަމާކުރުމުގައި މުއާމަލާތް ފުރިހަމަނުވެ، ފައިސާ ނުނެގޭ ނުވަތަ ޖަމާނުވެދާ ފައިސާ އަންނަ މަހުން ފެށިގެން އެއް ގަޑިއިރުތެރޭގައި އެކައުންޓަށް އަނބުރާ ޖަމާކޮށްދޭނެ ކަމަށެވެ.

އަންނަ މަހުން ފެށިގެން ކުންފުނިތަކަށާއި ވިޔަފާރިތަކަށް ބޭނުންވާ ހާއްސަ ހިދުމަތްތައް، ކަނޑައެޅިފައިވާ ރިލޭޝަންޝިޕް މެނޭޖަރުން މެދުވެރިކޮށް ފަސޭހައިން ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސައި، ކަސްޓަމަރުން ބޭންކާ މުއާމަލާތް ކުރުމަށް 24 ގަޑިއިރުގެ ހިދުމަތްދޭ ކޮންޓެކްޓް ސެންޓަރާއި ޗެޓްބޮޓް، ލައިވް އެޖެންޓްގެ އިތުރުން ވަޓްސްއަޕް އަދި ވައިބާ އިން މެސެޖް ކުރެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން ބުނީ، އެއްވެސް ސަބަބަކާ ހުރެ ކަސްޓަމަރަކު ބޭންކަށް ޒިޔާރަތްކުރަން ޖެހޭ ނަމަ ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު (ބަންދު ދުވަސްތައް ފިޔަވައި) ބޭންކުގެ ބްރާންޗްތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:30 އާ ހަމައަށް ކަމަށެވެ. އަދި މާޗް 27 އާއި 29 ފިޔަވައި ރޯދަ މަހު ފަހު ދިހަ ދުވަހު ޑިޖިޓަލްކޮށް ބޭންކުގެ ހުރިހާ ހިދުމަތެއް ދިންކަމުގައިވިޔަސް ބޭންކުގެ ބްރާންޗްތައް ބަންދުވާނެ ކަމަށް ބުންޏެވެ.