ޚަބަރު

މަސްދަޅު ކޭސް ބަހާނީ ރޭގަނޑު އެކަނި!

ފާތިމަތު ލިޔުޝާ

ރޯދަ މަހަށް ސަރުކާރުން ގޭބިސީތަކަށް ދޭ މަސްދަޅު ކޭސް ބެހުން ކުރިއަށްގެންދާނީ ރޭގަނޑު އެކަނި ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މާލޭ ސަަރަހައްދުގައި މަސްދަޅު ކޭސް ބަހަން ފަށައިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައެވެ.

އާދަމް ޝަރީފް އެކްސްގައި މިއަދު ވިދާޅުވީ މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށްވާތީ ދުވާލު ރޯދަ ހަދިޔާ ދޫކުރުމެއް ނޯންނާނެ ކަމަށާއި މިއަދުން ފެށިގެން ރޯދަ ހަދިޔާ ބެހުން ކުރިއަށްގެންދާނީ ރޭގަނޑު 8.00 އިން 12.00 އަށް ކަމަށެވެ.

"ދިގު ކިޔުއަށް ނޭރިޔަސް ކުރިއަށް މިއޮތް ދުވަސްތަކުގައި ރޯދަ ހަދިޔާ ދޫކުރުމަށް ހަމަޖެހިފައިވާތީ ގިނަ ވަގުތު ކިޔުގައި ނުތިއްބަސް ރޯދަ ހަދިޔާ ހުރިހާ ގޭބިސީތަކަށް ލިބެންދެން، 28 ފެބްރުއަރީގެ ފަހުން ވެސް ކުރިއަށްގެންދާނެ،" އާދަމް ޝަރީފު ވިދާޅުވިއެވެ.

ޖުމުލަ 13 ތަނަކުން، ކޮންމެ ތަނެއްގައި ފަސް މޭޒުން މަސްދަޅު ދޫކުރަމުންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރޯދަ ހަދިޔާ ދޫކުރާނެ ސަރަހައްދުތައް:

  • މިފްކޯ ކޮމްޕްލެކްސް (މާފަންނު)
  • އެމްޓީސީސީ ސޯމިލް
  • ހެންވޭރު ދަނޑު
  • ގަލޮޅު ދަނޑު – ސެޓަޕް 1
  • ގަލޮޅު ދަނޑު – ސެޓަޕް 2
  • ގަލޮޅު ދަނޑު – ސެޓަޕް 3
  • ގަލޮޅު ދަނޑު – ސެޓަޕް 4
  • ސޯޝަލް ސެންޓަރު
  • ވިލިމާލެ – ވެމްކޯ ސައިޓް
  • ހުޅުމާލެ – އުމަރު ޒާހިރު ބިލްޑިން
  • ހުޅުމާލެ – ޕޮލްކޯ ޓަވަރު (ސީ ބްލޮކް)
  • ހުޅުމާލެ – ހިޔާ ޓަވަރު 10
  • ހުޅުމާލެ – ކާމިލްދީދީ ޕްރީ ސްކޫލު

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މަސްދަޅު ކޭސް ބަހަން ފެށުމުގެ ކުރިން ވެސް ގިނަ ބަޔަކު ވަނީ އެކަން ފެށުމުގެ ކިޔޫގައި ޖެހިފައެވެ. އަދި ކިޔުލައިނުގައި ޖެހުނު ބައެއް މީހުންނަަށް މަސްދަޅު ލިބިފައިވަނީ އެ ރޭ ދަންވަރު 3:00 ހާއިރުއެވެ.