ޚަބަރު

ކާށިދޫ ނެރުމައްޗަށް އެރި ތެޔޮބޯޓު އަދިވެސް ފުން ނުކުރެވޭ

އަލީ އިހްސާން

1

ގިނަ އަދަދެއްގެ ތެލާއި ޑީސަލާއެކު ކ. ކާށިދޫ ނެރުމައްޗަށް އަރާފައިވާ ފިޔުލް ސަޕްލައި މޯލްޑިވްސްގެ ތެޔޮބޯޓު "މާތޮޅި ބާޖު" އަދިވެސް ފުންނުކުރެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ "މާތޮޅި ބާޖު" ފުންކުރުމަށް މަސައްކަތްކުރަމުން ގެންދާކަމަށާއި، އަދި މިހާތަނަށް ކުރެވުނު މަސައްކަތުން ފުންނުކުރެވޭ ކަމަށެވެ. އެމްއެންޑީއެފް މާލޭ އޭރިއާގެ ކޯސްޓުގާޑު ސްކޮޑްރޮންގެ ސިފައިންނާއި ބާޖުގެ ވެރިފަރާތުން ދިޔަވަރަށް ބަލައިގެން ބާޖު ފުން ކުރުމުގެ މަަސައްކަތް ކުރަމުންގެންދާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފްއިން ބުނީ ބާޖުގައި ހުރި ތެޔޮ ހުސްކުރުމުގެ މަސައްކަތް ބާޖުގެ ވެރިފަރާތުން އެހެން އުޅަނދުތައް ބޭނުންކޮށްގެން ކުރަމުންގެންދާ ކަމަށެވެ. ބާޖުގައި އަދިވެސް އެއްލައްކަ ލީޓަރުގެ ތެޔޮ ހުރިކަމަށް އެމްއެންޑީއެފްއިން ހާމަކުރެއެވެ.

އެބޯޓު ފަރަށް އަރައިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ މޭމަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސި 6:45 ގައެވެ. އެ ބޯޓުގައި 180،000 ލިޓަރުގެ ޑީސަލް އާއި 27،000 ލިޓަރުގެ ޕެޓްރޯލް ހުރި ކަމަށާއި އެހާދިސާ ހިނގިއިރު ބޯޓްގައި ހަ ދިވެހިން ތިބި ކަމަށް އެމްއެންޑިއެފްއިން ކުރިންވަނީ ބުނެފައިވެއެވެ. އެ ހާދިސާގައި ބޯޓަށްވެސް އަދި އެއްވެސް މީހަކަށް ވެސް ގެއްލުންވެފައެއް ނުވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟