ޚަބަރު

ހިތަދޫ އެޕޯލޯ ފިހާރަ ފަޅާލައި ތިޖޫރީ ވަގަށް ނަގައިފި

އަލީ އިހްސާން

އައްޑޫ ސިޓީ ހިތަދޫ އެޕޯލޯ ފިހާރަ ފަޅާލައި ތިޖޫރީ ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ ރޭ ދަންވަރުގެ ވަގުތެއްގައި ހިތަދޫ އެޕޯލޯ ފިހާރައިގެ ތަޅު ހަލާކުކޮށްލައިގެން ވަދެ ފިހާރައިގެ އޮފީސް ތެރޭގައި ހުރި ތިޖޫރީ ވަގަަށް ނަގާފައިވާ ކަމަށް ބުނެ މިއަދު ހެނދުނު 6:22 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ވަގަށް ނެގި ތިޖޫރީ ތެރޭގައި 1200 ޑޮލަރާއި 27،704 ރުފިޔާ ހުންނާނެކަމަށް މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ. ވަގަށް ނެގި ތިޖޫރީ ފުލުހުންގެ މަސައްކަތުން މިހާރު ހޯދާފައިވާ ކަމަށާއި، ތިޖޫރީ ފެނުނު އިރު އެއްވެސް ފައިސާއެއް ނެތްކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މި މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުންގެންދާ ކަމަށެވެ.