ރާއްޖެއާއި ޗައިނާއާ ދެމެދު ހަދައިފައިވާ ފްރީ ޓްރޭޑިން އެގްރީމެންޓް (އެފްޓީއޭ)ގެ ދަށުން އެންސިސް ފިޝަރީޒްގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ޗައިނާގެ ވެރިރަށް ބެއިޖިންގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި އެންސިސް ފިޝަރީޒްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖާ ހުސައިން އަފީފްއެވެ. ޒިންޖުއާން ސޯވް ބެއިޖިން ކޮމާޝަލް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން ލިން ޔުޗެންޖްއެވެ. އެ އެއްބަސްވުމުގެ ދަށުން އެންސިސް ފިޝަރީޒްއިން އުފައްދާ މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓްކުރާނެއެވެ. އޭގެތެރޭގައި ދަޅުމަހާއި، ގަނޑުކުރި ރޯމަސް ފަދަ ބާވަތްތައް ހިމެނެއެވެ.
އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ފަޒީލް ނަޖީބާއި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ ޑރ. އަމްޒަތު އަހުމަދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޗައިނާގެ މީޑިއާތަކުން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އެންސިސްއަކީ ރާއްޖެއިން މަސް އެކްސްޕޯޓްކުރާ އަމިއްލަ އެންމެ ބޮޑު އެއް ކުންފުންޏެވެ.
އެފްޓީއޭގެ ދަށުން ޗައިނާއަށް ދިވެހި އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް ސޮއިކުރެވިގެން ދިޔުމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވަނީ އެންސިން ކުންފުންޏަށް މަރުހަބާ ދަންނަވައިފައެވެ.
ސައީދު ވިދާޅުވީ ދިވެހި އުފެއްދުންތަކަށް ބައިނަލްއަގުވާމީ މާކެޓުން ޖާގަ ހޯއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ.
"ދިވެހީންގެ އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުން ފަސޭހަކަމާ އެކު ޖާގަލިބި ލުއިގޮތް ހޯއްދަވައިދެއްވުމުގައި ރައީސުމްޖުމްހޫރީއްޔާ ޑރ. މުހައްމަދު މުއިއްޒު އަޅުއްވަމުން ގެންދަވާ އަވަސް ފިޔަވަޅުތަކުގެ ނަތީޖާ މިދަނީ ފެންނަމުން،" ސައީދު ވިދާޅުވިއެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު ވެފައިވާ އެފްޓީއޭއަށް މިދިޔަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފައެވެ.
ރާއްޖެ އާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޑިސެމްބަރު، 2014 ގައެވެ. އެއްބަސްވުމަށް އަމަލުކުރުމަށް 2017 ވަނަ އަހަރު މަޖިލީހުން ރުހުން ލިބިފައިވީ ނަމަވެސް، 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު އެ އެއްބަސްވުމަށް އަމަލުކުރުން އޮތީ މަޑުޖެހިފައެވެ.