މާހެފުމަކީ ބިދުއައެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ސަގާފަތުގެ ތެރޭގައި ހިމެނޭ އިޖުތިމާއީ ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މާހެފުމަކީ ދީނީ ގޮތުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެއީ ރޯދައާ ގުޅުވައި ކުރާ ބިދުއައިގެ އަމަލެއް ކަމަށް ބައެއް ފަރާތްތަކުން އަބަދުވެސް ބުނެއެވެ.
އެ ވާހަކަތަކާ ގުޅިގެން ޝަހީމް މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މާހަފެމުގެ ތެރޭގައި މަނާކަމެއް ނުކުރާހާ ހިނދަކު އެއީ ކުރުން ޖާއިޒު ކަމެއް ކަމަށެވެ.
"ރަމަލާން މަހުގެ ކުރިން މާހެފުމަކީ ރާއްޖޭގެ ސަގާފަތުގެ ތެރޭގައި އޮތް އިޖުތިމާއީ އާދައެއް. އެއީ ދީނީ އަޅުކަމެއްގެ ގޮތުން ކުރާ ކަމެއްނޫންވީމާ އެއީ ބިދުއައަކަށް ނުވާނެ" ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ރޯދަމަސް އަންނާތީ އެ މަހަށް ތައްޔާރުވުމުގެ ގޮތުން ތަންތަން ކުނިކަހައި ސާފުތާހިރުކޮށް، ގެދޮރު ޒީނަތްތެރި ކުރުމަކީ ވެސް ރީތި އާދައެއް ކަމަށެވެ.
އަދި ވިދާޅުވީ ރޯދަމަހަށް އިސްތިގުބާލުކުރުމުގެ ގޮތުން މުސްލިމަކު ކުރާނެ އެންމެ ހެޔޮ އަމަލަކީ އިހުލާސްތެރިވުމާއި މާފުކުރުމާއި ތައުބާވެ އަޅުކަމަށް ތައްޔާރުވުން ކަމަށެވެ. ރޯދަމަހަކީ އަޅުކަމުގެ ސަވާބު އިތުރުވާ ބަރަކާތްތެރި ދުވަސްތަކެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަންނަ މަހުގެ އެއްވަނަ ދުވަހަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހެވެ.