ޚަބަރު

ލަންކާގެ ރައީސް އާއި މިނިސްޓަރު ހަލީލް ބައްދަލުކުރައްވައި ގުޅުން އިިތުރަށް ބަދަހިކުރަން މަޝްވަރާ ކުރައްވައިފި

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ އާއި ފޮރިން މިނިސްޓަރު ހަލީލް ބައްދަލު ކުރައްވައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

ފޮރިން މިނިސްޓަރު ހަލީލް ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ލަންކާގެ ރައީސް އަނޫރާ ކުމަރާ ދިސަޔަންކާއާ ބައްދަލުކުރައްވައިފައި ވަނީ އިއްޔެއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އާ މަގުތައް ހޯދުމުގެ ޝައުގުވެރިކަން ރާއްޖެއިން ފާޅުކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ލަންކާގެ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ކޮށްދެމުން އަންނަ މަސައްކަތްތަކާއި އެހީތެރިކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދިވެހި ރައްޔިތުންގެ ފަރާތުން މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ހަލީލާ އެކު ލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަސްއޫދު އިމާދު އާއި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާގެ އިތުރުން ވެސް ފޮރިން މިނިސްޓްރީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.