ފޮރިން މިނިސްޓަރު، އަބްދުﷲ ހަލީލް، ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން، އެ ބޭފުޅާ މަރައިލަފާނެ ކަމަށް ބުނެ ލަންކާ މީހަކު މަރުގެ އިންޒާރުތަކެއް ދިން މައްސަލައެއް ދިވެހި ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
މިނިސްޓަރު ހަލީލްއަށް މަރުގެ އިންޒާރު ދީފައި ވަނީ އެކްސްގައެވެ. އިންޒާރު ދިން މީހާ ވަނީ ނުސީދާ ގޮތެއްގައި ގިނަ ފަހަރަށް މަރުގެ އިންޒާރުދީފައެވެ.
އެގޮތުން އޭނާ ނިދާފައި އޮއްވައި ރޫމް ބޯއީއެއް ނުވަތަ ވެއިޓަރެއް ހޮޓެލް ރޫމަށްވަދެ މަރާލަފާނެ ކަމަށްވެސް އޭނާ ކުރި އެއް ޕޯސްޓްގައިވެއެވެ.
އިތުރު ޕޯސްޓެއްގައި ވަނީ ހަލީލްގެ ކާރު ސްރީލަންކާގައި އެކްސިޑެންޓުވެ، ރޯވެ އަލިފާނުގެ ސަބަބުން ހަލީލް މަރުވެދާނެ ކަމަށެވެ. އެހެންވެ، އެ ކާރު ދުއްވާ ޑްރައިވަރު ސަމާލުވާން ވެސް އޭނާ ވަނީ އިންޒާރު ދީފައެވެ.
އޭގެ އިތުރުން ހަލީލް ނިދާފައި ހޭލާއިރު ހަށިގަނޑުގެ ބައެއް ގުނަވަންތައް ވެސް މަދުވދާނެ ކަމަށާއި ނިދި ތަން ނޫން އެހެން ތަނެއްގައި އޮއްވައި ވެސް ހޭލެވިދާނެ ކަމަށެވެ.
ފުލުހުން މިއަދު ބުނީ މިނިސްޓަރު ހަލީލަށް މަރުގެ އިންޒާރުދިން މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ހަމާއެއް ނުކުރެއެވެ.
މިނިސްޓަރަށް މަރުގެ އިންޒާރުދިން މީހާއަކީ މީގެ ކުރިން ރާއްޖެއިން ޑީޕޯޓު ކޮށްފައިވާ މީހެކެވެ. އޭނާއަކީ މީގެ ކުރިން ރާއްޖެ މީހަކާ އިނދެގެން ދަރިއަކު ވެސް ހުންނަ މީޙެކެވެ. އޭނާ ޑީޕޯޓްކޮށްލާފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ، އިމިގްރޭޝަން ކޮންޓްރޯލަރާ މުހައްމަދު ޝަމްއާން ވަހީދާ ގުޅޭގޮތުން ވެސް އޭނާ ގިނަ ޕޯސްޓުތަކެއް ކޮށްފައިވެއެވެ.