ޚަބަރު

މަސްދަޅު ކޭސް ބަހަން ފަށައިފި، ގިނަ އަދަދެއްގެ ބަޔަކު ކިޔޫގައި ޖެހުނު!

ރޯދަ މަހަށް ސަރުކާރުން ގޭބިސީތަކަށް ދޭ މަސްދަޅު ކޭސް މާލޭ ސަރަހައްދުގައި ބަހަން ފަށައިފިއެވެ.

މަސްދަޅު ކޭސް ބެހުމުގެ ކަންކަން ކުރިއަށް ގެންދަން ހަވާލުކޮށްފައިވާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން، މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން ފުރަތަމަ ނިންމީ މިއަދު މެންދުރު ފަހު 2:30 އިން ފެށިގެންނެވެ.

ނަމަވެސް ވީހާވެސް ފަސޭހަކޮށް މަސްދަޅު ކޭސް ލިބޭނޭގޮތަށް ކަންކަން ރާވައި ބައްޓަން ކުރުމަށް މަސްދަޅު ކޭސް ބަހަން ފަށާ ގަޑި މިރޭ 8:30 އަށް އެސްޓީއޯ އިން ފަހުން ބަދަލުކުރިއެވެ.

މާލޭ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން ފެށުމުގެ ކުރިން ވެސް ގިނަ ބަޔަކު ވަނީ ކިޔޫގައި ޖެހިފައެވެ. އެގޮތުން މާލޭގައި މަސްދަޅު ކޭސް ބެހި މިފްކޯ އޮފީސް ސަރަހައްދުގައި މީހުން ގިނަވުމާއެކު އެ ސަރަހައްދު ޓްރެފިކަށް ވެސް ބަންދުކުރިއެވެ.

މިއަދުގެ ނިޔަލަށް މަސްދަޅު ކޭސް ނެގި ޖުމުލަ އަދަދެއް އެސްޓީއޯ އިން އަދި ހާމައެއް ނުކުރެއެވެ.

މާލޭ ސަރަހައްދުގައި މަސްދަޅު ކޭސް ބަހާ ސަރަހައްދުތައް:

  • މާލޭގައި: މިފްކޯ އޮފީސް ކޮމްޕައުންޑް އަދި ހެންވޭރު އެމްޓީސީސީ ސޯމިލް
  • ވިލިމާލޭގައި: ވެމްކޯ ސައިޓް
  • ހުޅުމާލެ ފޭސް-1 ގައި: އުމަރު ޒާހިރު ބިލްޑިން
  • ހުޅުމާލެ ފޭސް-2 ގައި: ހިޔާ ފްލެޓް ޓަވަރު ދިހައެއްގެ ޔޫތު ސެންޓަރު

މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވާ އިތުރު ދުވަސްތަކާއި ގަޑިތައް:

  • 21 ފެބްރުއަރީ 2025 - ބަންދު
  • 22 ފެބްރުއަރީ 2025 - 10:00 އިން 16:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް
  • 23 ފެބްރުއަރީ އިން 27 ފެބްރުއަރީ 2025 - 14:30 އިން 18:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް

މިއަހަރުގެ ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ހިލޭ މަސްދަޅު ކޭހެއް ދެއްވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވަނީ، ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެސްޓީއޯއިން ބުނެފައިވާ ގޮތުގައި ގޭބިސީތަކަށް ބަހަން ހަމަޖެހިފައިވާ މަސްދަޅު ކޭހުގައި ހުންނާނީ 180 ގްރާމުގެ ތެޔޮމަހުގެ (ޗަންކްސް އިން އޮއިލް) 48 ދަޅެވެ. އެ މަސްދަޅުތައް ތައްޔާރުކުރަނީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިންނެވެ.

މަސްދަޅު ކޭސް ދޫކުރާނީ ގޭގޭގެ ކަރަންޓު މީޓަރު ނަންބަރު ޗެކްކުރުމަށްފަހު، ބަލައި އަންނަ ފަރާތުގެ އައިޑީ ކާޑާއި ގުޅޭނެ ފޯނު ނަންބަރު ރެކޯޑު ކުރުމަށްފަހުގައި ކަމަށާއި މާލެ ސަރަހައްދުގެ ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށްގެން ދާނީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ކަމަށްވެސް އެސްޓީއޯއިން ބުނެފައިވެއެވެ.

އެސްޓީއޯއިން މިހާރު ވަނީ، އަތޮޅުތެރެއަށް ފޮނުވާ މަސްދަޅު ކޭސްތައް ފޮނުވައިފައެވެ. ރަށްރަށުގެ ގޭބިސީތަކަށް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްގެންދާނީ އެ ރަށެއްގެ ކައުންސިލުން ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

ކުރިއަށް އޮތް ރޯދައަށް ސަރުކާރުން މަސްދަޅު ކޭސް ބަހާ އިރު، މިދިޔަ ރޯދަ މަހު ސަރުކާރުން ވަނީ ކޮންމެ ގޭބިސީއަކަށް 10 ކިލޯ ހަނޑޫ އަދި 10 ކިލޯ ފުށް ހިލޭ ދީފައެވެ. އެއީ 82،000 ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތަކެވެ.