ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާތީ މިމަހު 22 އިން 28 އަށް ރަސްފަނު އާންމުންނަށް ވަގުތީގޮތުން ބަންދުކުރަން ހަމަޖެހިފައިވާ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން އެގޮތަށް މިއަދު ބުނީ ގެޒެޓުގައި ކުރި އިއުލާނެއްގައެވެ.
"ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް 22 ފެބްރުވަރީ 2025 އިން 28 ފެބްރުވަރީ 2025 އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ރަސްފަންނު ސަރަހައްދު ބަންދުކުރެވޭކަން އާންމުކޮށް އަންގައި އިއުލާންކުރަމެވެ..،" މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ރަސްފަންނު އާންމުންނަށް ވަގުތީގޮތުން ބަންދުކުރާ އިރު، މިދިޔަ އާދިއްތަ ދުވަހު މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ރަސްފަންނު މޫދަށް އެރޭ ސަރަހައްދަށް ކިސަޑު ޖަމާވެފައިވުމުން، އެ މައްސަލަ ހައްލުކުރުމަށް ވަގުތީގޮތުން އާންމުންނަށް ބަންދުކުރަން ނިންމައިފައިވާ ކަމަށެވެ.
ސިޓީ ކައުންސިލުން ބުނެފައިވަނީ ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދުގެ 500 އަކަ މީޓަރުގެ ބޮޑުމިނުގެ ސަރަހައްދެއްގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ ކިސަޑުތައް ނެގުމުގެ މަސައްކަތް ކުރުމަށް ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު އާންމުންނަށް ބަންދުކުރެވޭނެ ކަމަށެވެ.
ކައުންސިލުން އެފަހަރު ރަސްފަންނު އާންމުންނަށް ބަންދުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހަށް އެކަންޏެވެ.