ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދުންފަތުގެ ވަބާއިން މިންޖުވެފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް ދިވެހީން ދުންފަތަށް އަލްވަދާއުކިޔުމަށް ރައީސް ގޮވާލައްވައިފި

10

ދުންފަތުގެ ވަބާއިން މިންޖުވެފައިވާ، ހަށިހެޔޮ ދުޅަހެޔޮ ރައްޔިތެއް އުޅޭ ޖަޒީރާ ރާއްޖެއަކަށް މި ގައުމު ހެދުމަށްޓަކައި މިއަދަކީ އަޅުގަނޑުމެން ދުންފަތަށް އަލްވަދާއު ކިޔާ ދުވަހަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަންމަދު ސޯލިހް ގޮވައިލައްވައިފިއެވެ.

ރައީސް ސޯލިހު މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް އެމަނިކުފާނު ފޮނުއްވި ޚިތޯބުގައެވެ.

ރައީސް ސޯލިހުގެ ޚިތޯބުގައި ދުންފަތް ކޮންޓްރޯލްކޮށް، ރައްޔިތުން ދުންފަތާ ދުރުކުރުމަށް މިސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގައި މިއަދަކީ ވަރަށް ތާރީހީ ދުވަހެއްކަން ފާހަގަ ކުރެއްވި އެވެ.

އެގޮތުން މި އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ގެޒެޓްކުރި، "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް، ލޭބަލް ޖެހުމާބެހޭ ގަވާއިދު" އަށް، މިއަދު އަމަލުކުރަން ފެށުމާއެކު، ވަކި ސިނގިރޭޓާއި، ބިޑި ސުއްޓާ ވިއްކުން މަނާވީކަން ފާހަގަކުރައްވައި ދުންފަތުން ލިބޭ ސިއްހީ ގެއްލުންތައް ހާމަކޮށްދޭ ފޮޓޯގެ އިންޒާރުތައް ޖަހައިގެން ނޫނީ، ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުންވެސް، ވަކި މުއްދަތަކަށްފަހު މަނާވާނެކަން ފާހަގަކުރައްވާފައިވެ އެވެ.

"މި ދެންނެވި ގަވާއިދަށް ފުރިހަމައަށް އަމަލުކުރުމަކީ، ތިޔައިން ކޮންމެ ރައްޔިތެއްގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް، އުފެއްދުންތެރި އުފާވެރި ދިރިއުޅުމެއް ހޯދުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް." ރައީސް ސޯލިހުގެ ޚިތޯބުގައި ވިދާޅުވެފައިވެއެވެ.

ރައީސް ސޯލިހުގެ ޚިތޯބުގައި މުޅި މުޖްތަމައުގެ މަސްލަހަތަށްޓަކައި ހަދާފައިވާ މިފަދަ ގާނޫނުތަކާއި ގަވާއިދުތައް، އެންމެ ފުރިހަމައަށް ތަންފީޒު ކުރުމަށް، ތަންފީޒީ އިދާރާތަކަށް ގޮވާލައްވާފައިވެއެވެ. ދުންފަތުގެ ނުރައްކަލުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި، ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން، ފަރުދީ އަދި އިޖްތިމާއީ ފެންވަރުގައި މަސައްކަތް ކުރުމަށް އެމަނިކުފާނުގެ ޚިތޯބުގައި ވަނީ އިލްތިމާސްކުރައްވައިފައެވެ.

މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ މަގުސަދާއި ބޭނުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ރައީސް ސޯލިހް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހެއް، ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ދުންފަތުގެ ވަބާއިން އިންސާނުން ސަލާމަތްކުރުމަށްޓަކައި ހޭލުންތެރިކަން އިތުރުކޮށް ދުންފަތް ކޮންޓްރޯލް ކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅައި ތަންފީޒު ކުރުމަށް ދައުލަތްތަކާއި މަދަނީ ޖަމިއްޔާތައް ބައިވެރިވެގެން މަސައްކަތް ކުރުމަށް ބާރުއެޅުން ކަމުގައެވެ. އެގޮތުން މިއަހަރުގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ހަރަކާތްތައް އަމާޒުކޮށްފައިވަނީ "ފުއްޕާމޭގެ ދުޅަހެޔޮކަމާއި ދުންފަތް" މި ޝިއާރުގެ މައްޗަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހުގެ ޚިތޯބުގައި ދުންފަތުގެ ވަބާއިން ދިވެހި ރައްޔިތުން ސަލާމަތް ކުރުމުގައި ހީވާގިކަމާއެކު މަސައްކަތް ކުރާ އެންމެހައި ފަރާތްތަކަށް މިއަދުގެ މުނާސަބަތުގައި އައްސަރިބަހާއި ސާބަސް ރައްދުކޮށް ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟