އިޖުތިމާއީ ރައްކާތެރިކަމުގެ ހަރުދަނާ ނިޒާމެއް އުފެއްދުމަކީ، އިންސާފުވެރި ބަދަލަކަށް ލާޒިމުކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ އިޖުތިމާއީ އަދާލަތުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވީ، އެ މަނިކުފާނު ހުންނެވީ އިންސާފުވެރިކަމާއި ހަމަހަމަކަމާއި އަދާލަތު ކުރިއެރުވުމުގެ އަޒުމުގައި ކަމަށެވެ. އަދި އިޖުތިމާއީ އަދާލަތާއި ދެމެހެއްޓެނިވި ވެއްޓެއްގެ މައްޗަށް އެކުލެވިގެންދާ ދުނިޔެއެއް ގާއިމުކުރުމަށް ކުރާ މަސައްކަތުގައި ދެމިހުންނެވި ކަމަށް ވިދާޅުވިއެވެ.
އިޖުތިމާއީ ރައްކާތެރިކަމުގެ ހަރުދަނާ ނިޒާމެއް އުފެއްދުމަކީ، އިންސާފުވެރި ބަދަލަކަށް ލާޒިމުކަމެއްކަން ފާހަގަކުރައްވައި އެ މެސެޖުގައި ރައީސް ވިދާޅުވީ، ބޭރުން އަންނަ ލޮޅުންތަކާއި އިގްތިސޯދީ ހިރާސްތަކާއި މޫސުމީ ގޮންޖެހުންތަކުން މުޖުތަމައު ހިމާޔަތްކޮށްދިނުމުގައި އެ ފަދަ ހަރުދަނާ ނިޒާމުތަކުން ބޮޑު ދައުރެއް އަދާކުރާނެ ކަމަށެވެ.
ރައީސްގެ މެސެޖުގައި ވަނީ، 2024 ވަނަ އަހަރުގެ ޖުލައި މަހު، ގްލޯބަލް ކޯލިޝަން ފޯ ސޯޝަލް ޖަސްޓިސްގެ މެންބަރުކަން ލިބިފައިވާ ރާއްޖެއިން މަސައްކަތް ކުރާނީ، އިޖުތިމާއީ ވިލުންތެރިކަން އިތުރުކޮށް، ސެކްޓާތަކުގެ މެދުގައްޔާއި ސިޔާސަތުތައް އެކުލަވާލުމުގައި އެއްބާރުލުން އިތުރުކޮށްގެންނާއި މަޝްވަރާ އިސްކޮށްގެން އެކުގައި ކުރާ މަސައްކަތުން، އިޖުތިމާއީ އަދާލަތު ކުރިއަރުވައި ތަމަންދުން ހިއްސާކުރުމަށް ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްގީގެ މިސްރާބާއި އިގްތިސޯދީ ކުރިއެރުމަށް އުންމީދުކުރާ އިސްލާހުތަކަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ހުރިހާ ރައްޔިތުންގެ ދިރިއުޅުން ފަހިކުރުމަށް މަސައްކަތްކޮށް، މޫސުމީ ބަދަލުތަކުން މި ޖަޒީރާތަކަށް ހުރި ހިރާސް ދެނެގަނެ ތިބެގެން، ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުން ކަމުގައެވެ. އެގޮތުން، ރަސްމާލެ މަޝްރޫއު ވެގެންދާނީ ފުރަތަމަ އިކޯ ސިޓީއަށް ކަމަށާއި އެއީ، ގެދޮރުވެރިކަމާއި އިގްތިސޯދީ ފުދުންތެރިކަން އިތުރުކޮށްދިނުމުގައި ދެމެހެއްޓެނިވި މިންގަނޑުތައް ގެންގުޅުމުގެ ނަމޫނާއަކަށް ވެގެންދާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ލޯ- ކާބަން އިކޮނޮމީއަކަށް ވާސިލުވާން ކުރާ މަސައްކަތްތަކަކީ އެންމެން ޝާމިލުކުރާ އަދި އެންމެންނަށް މަންފާ ލިބޭ މަސައްކަތަކަށް ވާން ޖެހޭނޭކަން ފާހަގަކުރައްވަމުން ރައީސް ވަނީ ރާއްޖޭގެ އެނާޖީ ރޯޑްމެޕް 2024-2033 ގައިވާ ލަނޑުދަނޑިތަކަށް އަލި އަޅުއްވާލައްވައިފައެވެ. މީގެ އިތުރުން، މިންތީގެ ހަމަހަމަކަމާއި އިޖުތިމާއީ ބައިވެރިވުން ކަށަވަރުކުރުމަށްޓަކައި، އިގްތިސޯދީ، އިޖުތިމާއީ، ތައުލީމީ މަސައްކަތްތެރިކަން އަދި ތިމާވެއްޓާ ގުޅުންހުރި ސިޔާސަތުތަކުގައިވެސް، އެ ވިސްނުން އިސްކުރައްވާފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޒުވާނުންނާއި އިސްވާރުންގެ ބައިވެރިވުން ކަށަވަރުކޮށްދޭނޭ ފުރުސަތުތައް އުފެއްދުމުގެ މުހިންމުކަން ދެނެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ އިޖުތިމާއީ އަދާލަތުގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ސްޓްރެންތެނިން އަ ޖަސްޓް ޓްރާންޒިޝަން ފޯ އަ ސަސްޓެއިނަބަލް ފިއުޗާ"އެވެ.