ރޯދަ މަހަށް ސަރުކާރުން ގޭބިސީތަކަށް ދޭ މަސްދަޅު ކޭސް މާލޭގައި ބަހަން ފަށާ ގަޑި ފަސްކޮށް، ބަހާ ސަރަހައްދުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން ފުރަތަމަ ނިންމީ މިއަދު މެންދުރު ފަހު 2:30 އިން ފެށިގެންނެވެ.
ނަމަވެސް މަސްދަޅު ކޭސް ބެހުމުގެ ކަންކަން ކުރިއަށް ގެންދަން ހަވާލުކޮށްފައިވާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކުރީ އަހަރުގެ ތަޖުރިބާ އާއި ދިމާވި ދަތިތަކަށް ރިއާޔަތްކޮށް މި އަހަރު މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ވީހާ ވެސް ފަސޭހަކޮށް މަސްދަޅު ކޭސް ލިބޭނޭގޮތަށް ކަންކަން ރާވައި ބައްޓަން ކުރުމަށް މަސްދަޅު ކޭސް ބަހަން ފަށާ ގަޑި މިރޭ 8:30 އަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މަސްދަޅު ކޭސް ބަހަން ނިންމާފައިވާ ސަރަހައްދުތަކަށް ވެސް ބަދަލު ގެނެސްފައިވާ ކަމަށް ބުންޏެވެ.
މި އަހަރުގެ ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ހިލޭ މަސްދަޅު ކޭހެއް ދެއްވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވަނީ، ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެސްޓީއޯއިން ބުނެފައިވާ ގޮތުގައި ގޭބިސީތަކަށް ބަހަން ހަމަޖެހިފައިވާ މަސްދަޅު ކޭހުގައި ހުންނާނީ 180 ގްރާމުގެ ތެޔޮމަހުގެ (ޗަންކްސް އިން އޮއިލް) 48 ދަޅެވެ. އެ މަސްދަޅުތައް ތައްޔާރުކުރަނީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިންނެވެ.
މަސްދަޅު ކޭސް ދޫކުރާނީ ގޭގޭގެ ކަރަންޓު މީޓަރު ނަންބަރު ޗެކްކުރުމަށްފަހު، ބަލައި އަންނަ ފަރާތުގެ އައިޑީ ކާޑާއި ގުޅޭނެ ފޯނު ނަންބަރު ރެކޯޑު ކުރުމަށްފަހުގައި ކަމަށާއި މާލެ ސަރަހައްދުގެ ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށްގެން ދާނީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ކަމަށްވެސް އެސްޓީއޯއިން ބުނެފައިވެއެވެ.
އެސްޓީއޯއިން މިހާރު ވަނީ، އަތޮޅުތެރެއަށް ފޮނުވާ މަސްދަޅު ކޭސްތައް ފޮނުވައިފައެވެ. ރަށްރަށުގެ ގޭބިސީތަކަށް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްގެންދާނީ އެ ރަށެއްގެ ކައުންސިލުން ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
ކުރިއަށް އޮތް ރޯދައަށް ސަރުކާރުން މަސްދަޅު ކޭސް ބަހާ އިރު، މިދިޔަ ރޯދަ މަހު ސަރުކާރުން ވަނީ ކޮންމެ ގޭބިސީއަކަށް 10 ކިލޯ ހަނޑޫ އަދި 10 ކިލޯ ފުށް ހިލޭ ދީފައެވެ. އެއީ 82،000 ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތަކެވެ.