ޚަބަރު

55 ކައުންސިލުގެ އާ އިމާރާތް ހެދުމުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފަށަނީ

ފާތިމަތު ލިޔުޝާ

ރާއްޖޭގެ 55 ކައުންސިލެއްގެ އާ އިމާރާތް ހެދުމުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފަށާނެ ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކައުންސިލުތަކުގެ ހުރި ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްގެންދާ ކަންކަމަށް އަލިއަޅުއްވައިލައްވަމުން އާދަމް ޝަރީފު ވިދާޅުވީ ކޮންޓްރެކްޓާ ފައިނޭންސްގެ ދަށުން ކައުންސިލުތައް ތަރައްގީކުރުމަށް މިހާރު ވާނީ މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކުންފުންޏާ އެ މަޝްރޫއު ހަވާލުކޮށްފައި ކަމަށެވެ.

"މައުލޫމާތު ލިބޭ ގޮތުގައި މިމަހުގެ 28 ގައި އެ ކުންފުނީގެ ޓީމެއް އަންނާނެ. މިހާރު އެއްކުރެވިފައި ހުރި މައުލޫމާތަށް ބަލާ އިރު، އޭޕްރީލް މަހުގެ ތެރޭގައި ރަސްމީކޮށް އިމާރަތްކުރުމުގެ މަސައްކަތް ރާއްޖޭގައި ފެށިގެންދާނެ. އޭޕްރިލް މަހުގެ ތެރޭގައި ފީސިބިލިޓީ ހެދުމަށްޓަކައި ޗައިނާގެ ޓީމެއް ރާއްޖެ އައުމަށް ހަމަޖެހިފައިވޭ. މިއަހަރުގެ މެދުތެރޭގައި އެބޭފުޅުންގެ މަސައްކަތްވެސް ފެށޭނެ ކަމަށް މައުލޫމާތު ލިބިފައި އެބައޮތް. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 55 ކައުންސިލުގެ މަސައްކަތް،" މިނިސްޓަރު ވިދާޅުވިއެވެ.

އާދަމް ޝަރީފު ވިދާޅުވީ 39 ކައުންސިލު އިދާރާތަކަކީ ދެ ބުރިއަށް އިމާރާތް ކުރާ ކައުންސިލުތަކަށްވީ އިރު، އިމާރާތް އެއްކޮށް ތަޅައިލުމުގެ މަސައްކަތްކުރަން ޖެހޭނީ މަދު ކައުންސިލުތަކެއް އިމާރާތްތަކެއް ކަމަށެވެ. އަދި އަމާޒުކުރަނީ ދެ އަހަރާއި ހަ މަސް ދުވަހުން 55 ކައުންސިލު ނިންމޭވަރަށް މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ކައުންސިލުތައް ބާރުވެރިކުރުވައި އަދި އެ ތަންތަނުގެ އިމާރާތްތައް ރަނގަޅު ފެންވަރުގައި ތަރައްގީކުރުމެވެ.

އެ ކައުންސިލުތަކުގެ ތެރެއިން ބައެއް ރަށްރަށުގައި ދެ ބުރިއަށް އިމާރާތް ހަދަނީ އެ ރަށަކުން ކައުންސިލުތައް އިމާރާތްކުރުމަށް ދީފައިވާ ބިމުގެ ޖާގައިގެ ބޮޑުމިނަށް ބެލުމަށްފަހުއެވެ.

ކައުންސިލް އިދާރާތަކުގެ މަސައްކަތްތައް ނިމޭ އިރު، ކައުންސިލުގެ ރައީސް އަދި ނައިބު ރައީސަށް ވަކި ކޮޓަރިއެއް، އިދާރީ މަސައްކަތް ކުރަން ވަކި ތަނެއް، ޑަބްލިޔުޑީސީ މަސައްކަތްކުރާނެ ވަކި މާހައުލެއްގެ އިތުރުން ރައްޔިތުންނާ ބައްދަލުކުރާ ވަކި ހޯލެއް އިމާރާތްކުރުމަށް ވަނީ ނިިންމައިފައެވެ.