އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލުން ރޭ ކުޅުނު މެޗުގައި އެސްޓަން ވިލާ ކައިރިން އެއްވަރުވެއްޖެއެވެ.
ރޭ ވިލާ ދަނޑުގައި ލިވަޕޫލުން އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލުން މެޗަށް ނުކުތީ ދެވަނައިގައި އޮތް އާސެނަލްގެ ކުރިއަށް 10 ޕޮއިންޓްގެ ލީޑަކަށް ޖެހިލުމަށް ނަމަވެސް، އެއްވަރުވެ އެޓީމަށް އެ ފަރަގުގެ ލީޑެއް ނުނެގުނެވެ.
މިހާތަނަށް ލިވަޕޫލުން ކުޅުނު 26 މެޗުން އެޓީމަށް 61 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް އާސެނަލަށް 25 މެޗުން ލިބިފައި ވަނީ 53 ޕޮއިންޓެވެ. މިވަގުތު ލިވަޕޫލާ އެންމެ ގާތުން އާސެނަލް ވާދަކުރަމުންދާ އިރު، މިވަގުތު ލިވަޕޫލް އޮތީ އަށް ޕޮއިންޓްގެ ލީޑެއްގައެވެ. ލިވަޕޫލުން ދެން ކުޅެން ޖެހޭނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.
ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލަށް ފުރަތަމަ ގޯލު ޖަހައިދިނީ މުހައްމަދު ސަލާހެވެ. މިހާތަނަށް މި ސީޒަނުގައި އޭނާ ވަނީ 24 ގޯލު ޖަހައި 15 އެސިސްޓް އެ ކްލަބަށް ހަދައިދީފައެވެ.
އެ ގޯލާއެކު ލިވަޕޫލުން މެޗުގެ ލީޑު ނެގި ނަމަވެސް، ހާފު ނިމުމުގެ ކުރިން ވިލާއިން ދެ ގޯލު ޖަހައި މެޗު އަނބުރާލިއެވެ. ޔޫރީ ތީލަމަންސް މެޗު އެއްވަރު ކުރި އިރު، ވިލާއިން ލީޑު ނެގީ އޮލޭ ވަޓްކިންސް ޖެހި ގޯލަކުންނެވެ.
ލިވަޕޫލުން މުހިއްމު ޕޮއިންޓެއް ހޯދަން ކުރި މަސައްކަތުގައި ދެވަނަ ހާފުގައި އެޓީމަށް ގޯލު ޖަހައިދިނީ ޓްރެންޓް އެލެކްސެންޑާ-އާނޯލްޑެވެ.
ރޭގެ މެޗުގައި ވިލާއިން މާކަސް ރަޝްފޯޑު ކުޅެން ނެރެފައިވާ އިރު، އޭނާގެ ފަރާތުން ކޮންމެ ވެސް ވަރެއްގެ ނުރައްކަލެއް ވެސް ފެނިގެން ގޮސްފައިވެއެވެ.