ހުޅުމާލޭގައި ދެ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
މަންޒަރު ދުށް މީހަކު “ވަން އޮންލައިން”އަށް މައުލޫމާތު ދިން ގޮތުގައި މިރޭ ހުޅުމާލޭ އުރީދޫ ކުރިމަތިން ހިނގި އެ އެކްސިޑެންޓުގައި އެކަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.
އެ އެކްސިޑެންޓާ ގުޅޭގޮތުން ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ އިން ވަން އޮންލައިނަށް މައުލޫމާތުދެމުން ބުނީ އެކްސިޑެންޓެއްގައި އަނިޔާވެގެން ތިން މީހަކު އެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކަށް އެމަޖެންސީގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި އަނެއް ދެ މީހުންނަށް ފަރުވާދެމުން އަންނަނީ ޑްރެސިން ރޫމުގައި ކަމަށް އާސަންދައިން މައުލޫމާތުދެއެވެ.
މިރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ތިން މީހުންގެ ތެރެއިން އެކަކުގެ ބޮލަށް އަދި އަނެއް ދެ މީހުންގެ އަތަށް އަނިޔާވެފައިވާ ކަމަށާއި އެ ތިން މީހުންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށް އާސަންދައިން ބުނެއެވެ.
އެ އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.