ޚަބަރު

ލ، ގދ، ގއ އަދި ތ އަތޮޅުގެ ބައެއް ރަށްތަކުގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަދެއްޖެ

އަލީ އިހްސާން

ލ، ގދ، ގއ، އަދި ތ އަތޮޅުގެ ބައެއް ރަށްތަކުގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަދެއްޖެއެވެ.

ފުލުހުން ބުނީ، ލ.އަތޮޅަށް ކުރަމުން ގެންދާ ވިއްސާރައިގައި ލ.ހިތަދޫގެ 30 ގެއަކަށް ފެންވަދެފައިވާ ކަމަށެވެ. އަދި އެއަތޮޅު މާމެންދޫގެ 200 ގެއަކަށް ފެންވަދެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެރަށުގެ ބޮޑުބައެއް ވަނީ ފެނުއަޑީގައިވާ ކަމަށެވެ. އަދި އެރަށުން ކަރަންޓު ކެނޑިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. އެރަށުގައި ފުލުހުންނާއި ސިފައިން ފެންހިންދުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން ލ.އަތޮޅަށް ކުރަމުން ގެންދާ ވިއްސާރައިގެ ސަބަބުން އެއަތޮޅު މާވަށުގެ ހަތްގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ގއ.އަތޮޅަށް ކުރަމުން ގެންދާ ވިއްސާރައިގައި ފެންބޮޑުވެ ތިން ގެއަކަށް ފެންވަދެފައިވާކަމަށް ފުލުހުން ބުނެއެވެ. އެރަށުގައިވެސް ފެންހިންދުމުގެ މަސައްކަތް ފުލުހުންނާ ސިފައިން ގުޅިގެން ކުރަމުން ގެންދާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ތ.އަތޮޅަށް ކުރަމުން ގެންދާ ވިއްސާރައިގައި އެއަތޮޅުގެ މަޑިފުށީގެ 10 ގެއަކަށް ފެންވަދެފައިވާ ކަމަށެވެ. އެއަތޮޅުގެ ދިޔަމިނގިލީގެ 15 ގެއަކަށް ފެންވަދެފައިވާ ކަމަށެވެ. އަދި އެއަތޮޅު ގުރައިދޫގަވެސް ފެންބޮޑުވެފައިވާކަމަށް ފުލުހުންބުނެއެވެ.

ގދ. އަތޮޅަށް ކުރަމުންދާ ވިއްސާރައިގައި އެ އަތޮޅު ތިން ގެއަކަށް ފެން ވަދެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފެންހިންދުމުގެ މަސައްކަތް ފުލުހުންނާއި ރަށު ކައުންސިލްތަކާއި ރަށުގެ ރައްޔިތުން ގުޅިގެން ކުރަމުން ގެންދާކަމަށް ފުލުހުން ހާމަކުރެއެވެ.