އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ނުވަތަ ޑަބްލިޔުޑީސީތައް ބާރުވެރިިކޮށް، ރަސްމީ މުސާރަ އާއި ރޯދަ މަހުގެ އިނާޔަތް ލިބޭ ގޮތް ހެދުމަށް ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
ޑަބްލިޔުޑީސީގެ މެންބަރުންނަށް ވެސް އެހެން މުވައްޒަފުންނަށް ލިބޭ ހުރިހާ އިނާޔަތްތަކެއް ހޯދައިދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަކީ ރައީސްގެ ވައުދުފުޅެކެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅީ މެދު ދައިރާގެ މެންބަރު އަހުމަދު ޒަމީރެވެ. މި ބިލުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ، ޑަބްލިޔުޑީސީތަކުގެ ދައުރު އިިތުރަށް ސާފުކޮށް ގާނޫނުގައި ބަޔާންކޮށް، އެ ކޮމިޓީތައް ބާރުވެރިކުރުވުން ކަމަށެވެ.
މި ބިލުގައި ހިމެނޭ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އިތުރަށް ތަފްސީލުކޮށް، ކޮމިޓީތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބޭނުންވާ އިދާރީ އެހީތެރިކަމާއި ވަސީލަތްތަކާއި ތަމްރީން ފަދަ ކަންކަން ކައުންސިލްތަކުންނާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހަމަޖައްސައި ދިނުމާބެހޭ އުސޫލުތައް ހިމެނެއެވެ.
ކައުންސިލުތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ ފައިސާގެ ތެރެއިން ކޮމިޓީތަކުގެ ހަރަކާތްތައް ހިންގުމަށް ދޭންޖެހޭ ފައިސާ ދޫކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން އެ ފައިސާ ދޫކުރާނެ ގޮތްތަކާއި އެ ފައިސާ ކޮމިޓީތަކުން ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އުސޫލުތައް ގާނޫނުގައި ބަޔާންކުރުމުގެ އިތުރުން ކޮމިޓީތަކުގެ މެންބަރުންނަަށް ރަމަޟާން މަހުގެ އިނާޔަތް ދިނުމުގެ އުސޫލުތައް ހިމެނުން ވެސް މި އިސްލާހު ގެނައުމުގެ ބޭނުންތަކުގެ ތެރޭގައިި ހިމެނެއެވެ.
ގާނޫނުގެ 6-56 މާއްދާގެ (މ) ގައި ކުރިން ބުނަނީ، އެލްޖީއޭގެ ލަފާގެ މަތިން ޑަބްލިޔުޑީސީގެ މެންބަރުންނަށް ފިނޭންސް މިނިސްޓްރީން އެކަށީގެންވާ އުޖޫރައެއް ކަނޑައަޅަންވާނެ ކަމަށެވެ. ނަމަވެސް ރޯދަ މަހުގެ އިނާޔަތުގެ ވާހަކައެއް ގާނޫނަކު ނޯވެއެވެ.
މިހާރު ގެނެސްފައިވާ އިސްލާހުގައި ވަނީ، އަންހެނުންގެ ތަރައްގީއަަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް، އެލްޖީއޭގެ ލަފާގެ މަތިން ނޭޝަނަލް ޕޭ ކޮމިޝަނުން އެކަށީގެންވާ އުޖޫރައެއް ކަނޑައަޅަންވާނެ ކަމަށެވެ. އަދި މި މައްދާގެ (ފ)ގައިވާގޮތުގެ މަތިން ކޮންމެ އަހަރަކު، ރޯދަ މަހުގެ އިނާޔަތް ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މި މާއްދާގެ (ފ) އަށް ގެނައި އިސްލާހުގައިވާ ގޮތުގައި، ޑަބްލިޔުޑީސީގެ މެންބަރުންގެ ތެރެއިން އެހެން ގާނޫނެއްގެ ދަށުން ރޯދަ މަހުގެ އިނާޔަތް ލިބިނުދެވޭ ކޮންމެ މެންބަރަކަށް އެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރޯދަ މަސް ފެށުމުގެ ކުރިން 3،000 ރުފިޔާ ދޭންވާނެއެވެ.